ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ފަރާތުން މަސްވެރިންގެ 13 ޑިމާންޑެއް، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހުށަހަޅައިފިއެވެ.
އެ ޔޫނިއަނުން ޑީމާންޑްތަކެއް އާންމުކޮށްފައި މިވަނީ އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ކޮށްދޭނެ ކަންކަން ހިމަނައި ސިޔާސީ ޕާޓީތަކުން އެކުލަވާލާ މެނިފެސްޓޯތައް އާންމުކޮށް އިއުލާން ކުރަމުންދާ ދުވަސްވަރެއްގައެވެ.
ބީކޭއެމްޔޫގެ ފަރާތުން އާންމުކުރި ލިސްޓުގައި، އެންމެ ފުރަތަމަ އެދިފައިވާ ކަމަކީ މިފްކޯއިން ބޮޑު ކަންނެލި ގަތުމަށާއި އެ ކުންފުނިޣެ ހިއްސާ އެންމެހާ މަސްވެރިންނަށް ދިނުމަށެވެ. ބޮޑު ކަންނެލި ގަންނަ އަގު ބޮޑު ކުރުމަށް ވެސް އެ ލިސްޓުގައި އެދިފައި ވެއެވެ.
އެގޮތުން 25 ކިލޯއަށް ވުރެ ބަރު ކަންނެލި ގަންނަ އެންމެ ދަށް އަގެއް ކަމުގައި 115 ރުފިޔާ ހަމަޖެއްސުމަށާއި 18 ކިލޯއާއި 25 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ގަންނަ އަގަކީ 80 ރުފިޔާގެ ގޮތުގައި ހަމަޖެއްސުމަށް އެދިފައި ވެއެވެ. ހަމައެއާއެކު މަސްކިރާ ކުންފުނިތަކުން މަހުގެ އަގު ކިޔުމުގެ ބަދަލުގައި މަސް ވިއްކާ މަސްވެރިން އަގު ކިއުމުގެ ބާރު މަސްވެރިނަށް ދިނުމަށް ވެސް ވަނީ އެދިފައެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން އާންމުކުރި ބައެއް ޑިމާންޑްތައް:
- މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުން
- ޕްރައިވެޓައިޒް ކުންފުނިތަކުން މޮނޮޕޮލީ ގޮތުގައި ހިންގާ ވިޔަފާރިއަކަށް މަސްވެރިކަމުގެ ސިނާއަތް ނުހެދުން
- ދިވެހި މަސްވެރިކަން އިސްތިހާރުކޮށް އިތުރު މާކެޓްތައް ހޯދުން
- ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ވެއްދުން
- ޑިސަލް އާއި ޕެޓްރޯލްގެ އަގު ހެޔޮ ކުރުން
- މާލެ ސިޓީގެ މަސްވެރިންނަށް ލަފާ ފުރާނެ ފަސޭހަ ނިޒާމެއް ގާއިމް ކުރުން
- މަސްވެރިން ހިއްސާވާ ހުރިހާ ކަމެއްގައި މަސްވެރިންގެ ޔޫނިއަން އަދި ޖަމިއްޔާތަކުގެ މަޝްވަރާ ހޯދުން
ހަމައެއާއެކު އެ ޔޫނިއަނުން ވަނީ ދިވެހި މަސް ކަނޑު ހިމާޔަތްކޮށް ބޭރުގެ މަސް ބޯޓު ފަހަރު ރާއްޖޭގެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް އެދިފައެވެ.
މީގެ އިތުރުން އެހެނިހެން ވަޒީފާގައި އުޅޭ މީހުންނަށް ލިބޭ ފަދަ ބޭންކިން، އިންޝުއަރަންސް، ޕެންޝަން ފަދަ އިނާޔަތްތައް މަސްވެރިންނަށް ލިބޭނެ ގޮތް ހެދުމަށާއި ވީއެލްޑީ ޑީވައިސް ހިދުމަތުގެ އަގު ހެޔޮކުރުމަށް ވެސް ވަނީ އެދިފައެވެ. އެގޮތުން އެ ޑިވައިސްގެ ހިދުމަތް މިހާރު ދޭ ގޮތް ބަދަލުކޮށް މަޝްވެރިންގެ ޑިމާންޑާ އެއްގޮތަށް ހިދުމަތް ދިނުމަށް މަޝްވަރާ ކުރުމަށް ވަނީ އެދިފައެވެ.