މާލެ ކައިރީގައި އޮންނަ ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑުއޮތްގިރީގެ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، ކަނޑުއޮތްގިރިން އައިސް ކިލޯއެއް 0.75 ރުފިޔާއަށް ވިއްކާއިރު، އައިސް ޓަނެއްގެ އަގަކީ 750 ރުފިޔާއެވެ.

މި މަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ހުޅުވި މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މީގެ އިތުރުން، ހަމަ އެ ދުވަހު އެ ރަށުގައި ހިކިމަސް ކާރުހާނާއެއްވެސް ވަނީ ހުޅުވާފައެވެ. މިފްކޯއިން ފާހަގަކުރި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ލިބެން ފެށުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ކަނޑުއޮތްގިރިން އައިސް ވިއްކަން ފަށާފައިވާއިރު، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެ، ދޯންޏަކަށް ދުވާލަކު ވިއްކާ އައިސްގެ މިންވަރު ދެ ޓަނަށް ލިމިޓްކުރުމާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޔޫނިއަނުން ބުނެފައިވަނީ ދެ ޓަނުގެ އައިސްއަކީ ކަންނެލި މަސްވެރިކަމަށް ދުވާލެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.