ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން ހައްޔަރުކުރި މައްސަލަ މަސައްކަތްތެރިންގެ ބައިނަލްއަގުވާމީ އިދާރާ ކަމުގައިވާ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)އަށް އެމްޑީޕީއިން ހުށަހަޅައިފިއެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން 8 މީހަކު އެ ހަރަކާތުގެ ތެރެއިން ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އައިއެލްއޯއަށް ހުށަހެޅި މި މައްސަލައިގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅާންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް އެދިފައިވާނެ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެމްޑީޕީއިން ބުނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހެޔޮނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ފެށުމަށް ސަރުކާރަށް އަންގަވައިދިނުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

މެންބަރު މައުރޫފް ޒާކިރުގެ އިތުރުން މަސްވެރިންގެ އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެންމެން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ވެސް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

މައުރޫފްގެ ބަންދަން ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފައިރު މައުރޫފްގެ ދިފާއުގައި އިއްޔެ އެމްޑީޕީއިން ވަނީ ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެ އޭނާ ހައްޔަރުން ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި އެ އިޖުތިޖާޖުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރުން ބައިވެރިވެ ހައްޔަރުކުރި ކޮޔުޅުން ދޫކޮށްލުމަށްވެސް ގޮވާލާފައި ވެއެވެ.