ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ސަރުކާރުގައި ފްލެޓް ދޫކުރި ގޮތަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑު ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ، މުއިއްޒު ފްލެޓް ދޫކުރެއްވި އިރު އޮތީ ހުސް އޮޅުވާލުން ކަމަށާއި ނަންބަރުތަކެއް ޖަހާފައި މީހުންގެ ނަން ވެސް ނުޖަހާ ލިސްޓް ނެރުނު ކަމަށެވެ. އޭރު މަޖިލީހުން ތިން ފަހަރެއްގެ މަތިން ލިސްޓު ދިނުމަށް އެދުމުން ވެސް އެ ލިސްޓް މަޖިލީހަށް ވެސް ދެއްވާފައި ނުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ މަސައްކަތް ކުރެއްވީ ހާމަކަން ބޮޑުކޮށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ގެދޮރުވެރިކަމާ ގުޅިގެން މުއިއްޒަށް ފާޑުވިދާޅުވަމުން ރޮޒައިނާ އިތުރަށް ވިދާޅުވީ، ހެޔޮވެރިކަން ކުރާގޮތް ދަސްކުރައްވަން މުއިއްޒު އަދި މަޑުކޮއްލެއްވުމަށެވެ.

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ގޮތުގައި ހިންގި "ބިންވެރިޔާ ސްކީމް"ގެ ލިސްޓް މި ދިޔަ ޖުލައި މަހު އިއުލާން ކުރުމާ އެކު ބިން ދޫކުރާ ލިސްޓް އިއުލާން އެ ކުރީ ސީދާ ވޯޓާ ދިމާކޮށް ކަމަށް ބުނެ މި ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ބިން ދޫކުރާ ތަންތަނުގެ ތެރޭގައި ގުޅީފަޅާއި ގިރާވަރު ފަޅު ހިމެނޭ އިރު އެއީ އަދި ހިއްކާ ނުނިމޭ ތަންތަން ކަމަށް ވެސް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މިކަމަށް ރައްދު ދެމުން ސަރުކާރުން އަންނަނީ އެ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ހާމަކޮށް މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަަށް ބިން ހިއްކައި ގޯތި ކަނޑައި ގޯތި ލިބުނު މީހުންނަށް ހަވާލު ކުރާނެ ކަމަށް ބުނަމުންނެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ޕީޕީއެމް

އަންނަ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަ ކުރައްވާ އިރު، އޭނާ ވެސް ވަނީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭ ގޮތަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ، ފަޅު ފަޅުން ގޯތި ދޭން ނިންމައި ނާޅާ ހުރި އިމާރާތް ތަކުން ފްލެޓް ދޭން ލިސްޓު ނެރެފައިވާ ކަމަށެވެ. މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތީގެ ހުރަހަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނުއަޑީގައި ހުރި ގޯތިތައް ވެސް ފެނުން މައްޗަށް ނަންގަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ހިޔާ ފްލެޓްތައް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ނެރުނު ލިސްޓަށް ބަދަލު ގެނެސް މި ސަރުކާރުން އެ ލިސްޓުން އުނި ކުރި ފަރާތްތަކަކީ މުއިއްޒުގެ ސަރުކާރެއްގައި އަޅާ އެންމެ ފުރަތަމަ ފްލެޓްތަކުން ފްލެޓް ދޭނެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. މުޅިއެކު މާލެ ސަރަހައްދުގައި 65،000 ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް ބޯހިޔާވަހިކަން ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެއީ ގުޅިފަޅާއި، ގިރާވަރު ފަޅާއި، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެ އަދި ފުށިދިއްގަރު ފަޅުންނެވެ.