އެމްއެންޑީއެފް ނޮދާން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓާޒް ހދ. ހަނިމާދޫއަށް ބަދަލު ކުރާތީ، އެކަން ފާހަގަ ކުރުމުގެ ގޮތުން އުތުރުގެ 5 ރަށެއްގައި އެމްއެންޑީއެފްގެ މިލިޓަރީ ޕެރޭޑެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ޕެރޭޑް ބާއްވަން ހަމަޖެހިފައި ވަނީ ހދ. ހަނިމާދޫގެ އިތުރުން ހދ. ކުޅުއްދުއްފުއްޓާއި ހއ. ދިއްދޫ އާއި ހއ. އިހަވަންދޫ އާއި ހދ. ނޮޅިވަރަމްފަރުގައި ކަމަށެވެ. އަދި މި ޕެރޭޑް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 25 އިން ފެށިގެން 29 އާ ދެމެދު ކޮންމެ ދުވަހަކު ރަށެއްގައި ކަމަށެވެ.

އެގޮތުން މާދަމާ ހދ. ހަނިމާދޫގައި އަދި ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުށީގައި ޕެރޭޑް ބާއްވަން ހަމަޖެހިފައިވާ އިރު، އަންނަ އާދިއްތަ ދުވަހު ޕެެރޭޑް ބާއްވަން ހަމަޖެހިފައި ވަނީ ހއ. ދިއްދޫގައެވެ. މީގެ އިތުރުން އަންނަ ހޯމަ ދުވަހު ހއ. އިހަވަންދޫގައި ޕެރޭޑް ކުރިއަށް ބާއްވަން ހަމަޖެހިފައިވާ އިރު، އެންމެ ފަހު ރަށެއްގެ ގޮތުގައި އަންނަ އަންގާރަ ދުވަހު ހދ. ނޮޅިވަރަންފަރުގައި ޕެެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ރަށެއްގައި ވެސް ޕެރޭޑް ކުރިއަށް ދާނީ ހަވީރު 4:30 ގައެވެ.

އެ ރަށްރަށުގައި ބާއްވާ ޕެރޭޑަށް ފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުސަތު އާންމުކޮށް އޮންނާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.