ރާއްޖޭ އޮތީ ގަސްތުގައި އެހެން ގައުމަކަށް ވިއްކާލާފައި ކަމަށާއި މި ވެރިކަން ބަދަލު ކުރުމަކީ ގައުމީ ވާޖިބެއް ކަަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަނުން ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދޫގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، މި ވެރިކަން ބަދަލު ކުރަން ޖެހޭ އެތައް ސަބަބެއް ފެންނަ ކަމަށާއި އޭގެ ތެރޭގައި އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވުމާއި އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އެހެން ގައުމެއްގެ މީހުންގެ ބާރުގަދަވިޔަ ނުދިނުމާއި އަމިއްލަ ވަންތަ ގައުމެއް ބިނާކުރުމާއި ޒުވާނުން މާދަމާ މިނިވަންކަމާއެކު ގައުމުގެ ކަންކަމާއި ހަވާލު ވާނެ އިހްތިޔާރާއި ބާރު ހޯދުމާއި އޯގާތެރި ވެރިކަމެއް ގެނައުމާއި އަމިއްލަވަންތަ ގައުމެއް ބިނާކުރުމާއި އިސްލާމީ ގައުމެއްގެ ގޮތުގައި މިގައުމު ބާއްވަން އަދި ދިވެހިންގެ ވެރިކަމެއް މިގައުމަށް ގެންނަން ބޭނުންވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މިކަންކަން އަލުން އަނބުރާ އިޔާދަ ކުރުމަށް މިސަރުކާރު ބަދަލުކުރުމަކީ ގައުމީ އަދި ދީނީ ގޮތުން ވެސް ވާޖިބު ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ތަރައްގީ ގެނެވޭނީ އަމިއްލަ މިނިވަން ގައުމެއް އޮވެގެން ކަމަށާއި މިއަދު މިއޮތީ ދިވެހިން، ދިވެހިރާއްޖެ ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައި ކަމަށެވެ. އެކަން ކުރެވޭނީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާއި، ޖޯޝާއި، ފޯރީގައި ބުރަކޮށް ހީވާގި ކަމާއެކު މަސައްކަތް ކުރާނެ ޒުވާނުންތަކެއް އުޅެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް އެބަ އެނގޭ ރައްޔިތުންނަށް ހެޔޮއެދޭ ލީޑަރުންނަކީ ކޮބައިކަން، ދިވެހި ރައްޔިތުންނަށް އެބަ އެނގޭ މިގައުމަށް ތަރައްގީ އާ ކުރިއެރުން ގެނެސްދޭނީ ކޮން ފިކުރެއްގެ ބައެއްކަން، ދިވެހި ރައްޔިތުންނަށް އެބަ އެނގޭ އަމިއްލަ ގައުމެއް ބިނާކުރަން ބުންވަރާއި ފަންވަރު ހުރީ ކޮން ޕާޓީއެއްގެކަން.
އަދުރޭ

އަދުރޭ ވަނީ މި މިވެރިކަން ނިމުމަކަށް ގެނައުމަށް ޒުވާނުން މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.