އެއާޕޯޓު ތަރައްގީކޮށް ދެއްވާ އިތުރު ވައުދުތަކާއެކު ށ. ފުނަދޫގައި ރޭ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއް ބާއްވައިފިއެވެ.
ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފުނަދޫއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަަމަށެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ރަށުގައި އެއާޕޯޓު ނިންމައި ދިން ނަމަވެސް މި ވެރިކަމުގައި އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް އެއްވެސް ކަމެއް ނުކޮށް ހުރުމަކީ ދެރަކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ އެންމީދުތައް އޮޔާ ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފުނަދޫގެ އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ހިދުމަތްތައް ރަނގަޅު ކުރަން ޖޭހޭނެ ކަމަށާއި ރޭގަނޑު ހިދުމަތް ދޭ އެއާޕޯޓަކަށް ފުނަދޫގެ އެއާޕޯޓް ވާންޖެހޭނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އެ ކަންތައްތައް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ. ށ. އަތޮޅަކީ ބޮޑު އަތޮޅެއް ކަމަށާއި އާބާދީ ގިނަވެފައި ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ގިނަ ކަމުން އެ އަތޮޅަށް ގިނަ އެއާޕޯޓު ބޭނުންވާ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ފުނަދޫގައި ނޭޗާ ޕާކެއް ގާއިމު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޔާމީންގެ ސަރުކާރުގައި އެ ރަށުގެ ބައެއް މަގުތައް ހެދިފައި ވާކަން ފާހަގަ ކުރައްވާ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމަށާއި އެހެން ރަށްރަށުން ޒުވާނުން ޒިޔާރަތް ކުރާ ފަދަ ފެންވަރު ރަނގަޅު ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމާ ހަވާލު ވެވަޑައިގަންނަވާތާ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ދެކުނު ފުޓްބޯޅަ ދަނޑު ނިންމއި ދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ފުނަދޫގެ ރައްޔިތުންނަށް މުއިއްޒު ވަނީ ވައުދު ފުއްދާ ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދެއްވާފައެވެ.