މީގެ 200 އަހަރަށް ވުރެ ކުރިން އިންޑޮނީޝިއާގެ އިމާމަކު އަތުން ލިޔެފައިވާ ގުރުއާން ފޮތެއް ކޭޕް ޓައުންގެ ބޯ ކާޕް ސަރަހައްދުގެ މިސްކިތެއްގައި ފަހުރުވެރިކަމާއެކު ހިމާޔަތް ކުރަމުން އަންނަކަމީ އެތަނުގެ މުސްލިމުންގެ ފަހުރެކެވެ.

1980ގެ އަހަރުތަކުގެ މެދުތެރޭގައި މަރާމާތު ކުރުމުގެ ގޮތުން އެތަން ތަޅާލަމުން ދަނިކޮށް، މަސައްކަތުގައި އުޅުން މީހުންނަށް އެ ގުރުއާން ފޮތް ފެނުނީ އައުވަލް މިސްކިތުގެ އެޓިކު މަތީގައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރެއިންނެވެ.

ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ތުއާން ގުރޫ ނުވަތަ މާސްޓާ ޓީޗަރުގެ ނަމުން މަޝްހޫރުވެފައިވާ އިމާމް އަބްދުالله އިބްނު ގާދީ އަބުދުއްސަލާމް 1780 ވަނަ އަހަރު އިންޑޮނޭޝިއާގެ ޓިޑޯރް އައިލެންޑުން ކޭޕްޓައުން އަށް ފޮނުވީ، ނެދަލޭންޑްސްގެ ކޮލޮނައިޒަރުންނާ ދެކޮޅަށް ހިންގި ރެސިސްޓެންސް ހަރަކާތުގައި ބައިވެރިވުމުގެ އަދަބެއްގެ ގޮތުންނެވެ. އެގޮތުން ފޮނުވާލުމަށް ފަހު އޭނާ ވަނީ ހަނދާނަށް ބަރޯސާވެގެން ގުރުއާން ލިޔެފައެވެ.

މިސްކިތް ކޮމެޓީގެ މެމްބަރެއް ކަމަށްވާ ކެސީމް އަބްދުالله ބުނިގޮތުގައި ގުރުއާން ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ހިރަފުސް އަރާއެވެ. 100 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެ އެޓިކަށް އެއްވެސް މީހަކު ވަން ހެންވެސް ހީނުވާ ކަމަށް އޭނާ ބުންޏެވެ.

"ތުއާން ގުރޫ ލިޔެފައިވާ ދީނީ ލިޔުންތައް ހުރި ފޮއްޓެއްވެސް މަސައްކަތު މީހުންނަށް ފެނުނު."
ކެސީމް އަބްދުﷲ

ފުރަތަމަ ސަފުހާތަކުގެ ކައިރިފަށް ކުޑަކޮށް ހަލާކުވެފައި ހުރި ނަމަވެސް، ޖުމްލަކޮށް މުޅި ގުރުއާން އޮތީ ހައިރާން ކުރުވަނިވި ރަނގަޅު ހާލުގައެވެ. ސަފްހާ ތަކުގައި އެއްވެސް ނަންބަރެއް ޖަހާފައި ނެތެވެ.

1694 ވަނަ އަހަރުން ފެށިގެން އައި އެމީހުންގެ މުއްސަނދި ތަރިކައިގެ އެންމެ އަގުބޮޑު އެއް އާސާރީ ތަކެތި ހިމާޔަތް ކުރުމަށް ކޭޕް ޓައުންގެ މުސްލިމުންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކީރިތި ގުރުއާނުގެ 6،000 އަށް ވުރެ ގިނަ އާޔަތް ހިމެނޭ ހުރިހާ ސަފުހާއެއް ރަނގަޅަށް ތަރުތީބު ކުރުމެވެ.

މި މަސައްކަތް ކުރެއްވީ ކޭޕްޓައުންގައި ހުންނަ މުސްލިމް ޖުޑީޝަލް ކައުންސިލްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި މަރްހޫމް މައުލާނާ ތާހާ ކަރާން، ކޭޕް ޓައުންގެ ބައެއް ގުރުއާނުގެ އިލްމުވެރިންނާ ގުޅިގެންނެވެ. މި މަސައްކަތް ފުރިހަމަ އަށް ކުރުމަށް ތިން އަހަރު ހޭދަވިއެވެ.

އޭގެ ފަހުން 1794 ވަނަ އަހަރު ޓުއާން ގުރޫ، ދެކުނު އެފްރިކާގެ އެންމެ ފުރަތަމަ މިސްކިތުގެ ގޮތުގައި ގާއިމުކުރި އައުވަލް މިސްކިތުގައި އެ ގުރުއާން ވަނީ ދައްކާލާފައެވެ.

ލިޔުންތައް ވަގަށް ނަގަން ބަޔަކު ކުރި ތިން ނާކާމިޔާބު މަސައްކަތަށް ފަހު ކޮމިޓީން ވަނީ މީގެ 10 އަހަރު ކުރިން ބުލެޓް ޕްރޫފް ކޭސިންއެއްގައި ގުރުއާން އަދި ލިޔުންތައް ރައްކާތެރި ކޮށްފައެވެ.

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން 2019 ވަނަ އަހަރު ކޭޕްޓައުންގެ ތާރީހީ އައުވާލް މިސްކިތަށް ކުރި ޒިޔާރަތް

ޓުއާން ގުރޫގެ ބައޮގްރަފީ ލިޔުންތެރިޔާ ޝަފީގު މޯޓަން ގަބޫލު ކުރާ ގޮތުގައި ފަސް ކޮޕީގެ ތެރެއިން ފުރަތަމަ ލިޔުން އިލްމުވެރިޔާ ފެށީ 1960 ގެ އަހަރުތަކުން ފެށިގެން 1980 ގެ އަހަރުތަކާ ހަމައަށް ނެލްސަން މަންޑޭލާ ވެސް ހުންނެވި ޖަލު ކަމަށްވާ ރޮބެން އައިލެންޑްގައި ހުރެގެންނެވެ.

އޭގެ ތެރެއިން ގިނަ ކޮޕީތަކަކީ އުމުރުން 80 އަހަރާއި 90 އަހަރާ ދެމެދުގެ ދުވަސްވަރު ލިޔެފައިވާ ލިޔުންތަކެއް ކަމަށް ބެލެވޭ އިރު، އަރަބި ބަހަކީ އޭނާގެ ފުރަތަމަ ބަހަކަށް ނުވާތީ އޭނާގެ ކާމިޔާބީ އިތުރަށް ފާހަގަ ކޮށްލެވެއެވެ.

މޯޓަން ވިދާޅުވި ގޮތުގައި ޓުއާން ގުރޫ ދެ ފަހަރެއްގެ މަތިން ރޮބެން އައިލެންޑުގައި ޖަލަށް ލާފައިވާ ކަމަށާއި ފުރަތަމަ 1780 އިން 1781 އަށް އޭނާގެ އުމުރުން 69 އަހަރުގައި އަދި އަނެއްކާ ވެސް 1786 ވަނަ އަހަރުން ފެށިގެން 1791 ވަނަ އަހަރާ ދެމެދަށް ވަނީ ޖަލަށް ލާފައެވެ.

"އޭނާ ގުރުއާން ލިޔުނު އެއް ސަބަބަކީ ވަށައިގެންވާ އަޅުން ދީނަށް އަހުލުވެރި ކުރުވުމަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އޭނާއަށް ވިސްނުނީ ކީރިތި ޤުރުއާނުގެ ކޮޕީއެއް ލިޔެފިނަމަ ރައްޔިތުންނަށް އެއިން އިބްރަތް ހާސިލުކޮށް، އިސްލާމީ ކަރާމާތް ދަސްކޮށްދެވިދާ ނެކަން"
މޯޓަން

"ދާރުލްއާސާރުތަކަށް ގޮސް ނެދަލޭންޑްސް މީހުން ބޭނުންކުރި ކަރުދާހަށް ބެލިޔަސް އެއީ ޓުއާން ގުރޫ ބޭނުން ކުރި ކަރުދާހާ ވަރަށް އެއްގޮތް ކަރުދާހެއް. އެއީ ހަމަ އެ ކަރުދާސް ކަމަށް ވެސް ވެދާނެ." މޯޓަން އިތުރަށް ވިދާޅުވިއެވެ.

ދެކުނު އެފްރިކާގެ އިސްލާމީ ތާރީހުގެ ލެކްޗަރާއެއް ކަމަށްވާ ޝެއިހް އޮވޭސީ ދެކެވަޑައިގަންނަވާ ގޮތުގައި ތޫއާން ގުރޫ އަކީ އޭރު ނެދަލޭންޑްސްގެ ކޮލޮނީއެއްގެ ގޮތުގައި އޮތް މުސްލިމް ގައިދީންނާއި އަޅުންގެ މެދުގައި އިސްލާމްދީން ހިމާޔަތް ކުރަން ޖެހުނީތީ ހިތްވަރު ހޯދި މީހެކެވެ.

"އެމީހުން ބައިބަލް ހިތުދަސްކޮށް، މުސްލިމް އަޅުން ބަދަލުކުރަން މަސައްކަތް ކުރަމުން ދިޔައިރު، ޓުއާން ގުރޫ ދިޔައީ ގުރުއާނުގެ ކޮޕީތައް ލިޔެ، ކުދިންނަށް އުނގަންނައި ދެމުން." އޭނާ ވިދާޅުވެފައި ވެއެވެ.

ދެކުނު އެފްރިކާގައި އިސްލާމްދީނަށް އެންމެ ފުރަތަމަ އަމަލުކުރީ އަޅުންނާއި ގައިދީން

ޓުއާން ގުރޫ ވަނީ ހަނދާނުން މަރިއްފަތު ވަލް އީމާން ވަލް އިސްލާމް (އީމާންކަމާއި ދީނުގެ އިލްމު) ގެ ނަމުގައި 613 ސޮފްހާގެ އަރަބި ފޮތެއް ވެސް ލިޔެފައެވެ.

އިސްލާމީ އަގީދާގެ މައިގަނޑު އިރުޝާދު ދޭ މި ފޮތަކީ ކޭޕްޓައުންގެ މުސްލިމުންނަށް އެމީހުންގެ އަގީދާ ދަސްކޮށްދިނުމަށްޓަކައި 100 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބޭނުން ކުރަމުން އައި ފޮތެކެވެ.

އަދިވެސް އެ ފޮތް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި އެ ފޮތް އޮތީ ތުއާން ގުރޫގެ ދަރިފަސްކޮޅު ކަމަށްވާ ރާކިޕް އާއިލާގެ އަތުގައެވެ. އަދި ކޭޕްޓައުންގެ ގައުމީ ކުތުބުހާނާގައި އެ ފޮތުގެ ކޮޕީއެއް ވެއެވެ.

ގުރުއާނުގެވެސް ގާތްގަނޑަކަށް 100 އެއްހާ ކޮޕީ ވަނީ އުފައްދާފައެވެ. އޭގެ ތެރެއިން އެއް ކޮޕީ އިސްލާމް ދީނުގެ ތިންވަނައަށް އެންމެ މާތް ވެގެންވާ ގުދުސްގައި ހުންނަ އަލްއަގްސޯ މިސްކިތުގެ ލައިބްރަރީ އަށް މިދިޔަ އޭޕްރީލް މަހު ހަވާލުކޮށްފައި ވާއިރު، ބައެއް ކޮޕީތައް ވަނީ ޒިޔާރަތް ކުރައްވާ އިއްޒަތްތެރިންނާ ހަވާލު ކޮށްފައެވެ.

"ކޭޕް ޓައުނަށް އައިއިރު ޓުއާން ގުރޫ އަށް ފެނުނީ އިސްލާމް ދީން އޮތީ ވަރަށް ގޯސްކޮށް ކަމަށާއި އެހެންވެ އޭނާ ކުރަން ޖެހޭ ގިނަ މަސައްކަތް ތަކެއް ހުރި ކަމަށް އޭނާއަށް ގަބޫލުކުރެވުނު" މޯޓަން ވިދާޅުވިއެވެ.