މީގެ ކުރިން ހުކުމެއް ނެތި އެތައް ބަޔަކު އަނިޔާގައި ހޭދަކުރަން ޖެހުނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. މީދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީދުއަކީ ކުރިން ވަކި ޕާޓީއެއްގެ ޖަގަހައެއް ކަހަލަ ރަށެއް ކަމަށާއި އެހެންނަމަވެސް ދުވަހަކަށް ފަހު ދުވަހެއް މީދޫގެ ރައްޔިތުން ތަރައްގީ އާއެކު ގޮތް ނިންމާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންސާފު ގާއިމުކުރުމާއި އިންސާފު ލިބުމަކީ އެންމެ މުހިއްމު ކަންތައް ކަމަށާއި އެމްޑީޕީ ވުޖޫދުވެގެން އައީ އެ ބިންގަލުގެ މަތީގައި ކަމަށެވެ. އަދި ރައްޔިތުންނަށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށާއި އިންސާފުން މަހުރޫމް ވެފައި ތިބި އެތައް ބަޔަކަށް އިންސާފު ހޯދައި ދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން އަނިޔާވެރިކަން އިންތިހާއަށް އޮތް ގޮތް ބަދަލުކުރުން މަސައްކަތްތައް ކުރެއްވިކަން ހާމަކުރައްވަމުން ރައީސް ވިދާލުވީ، އެތައް ބަޔަކު ހުކުމެއް ނެތި އެތައް އަނިޔާއެއްގައި އެތައް ދުވަހު ހޭދަކުރަން ޖެހުނު ކަމަށާއި އިންސާފު ނުލިބި ވެރިންގެ ގާތަށް އާދޭސްކުރަން ވެސް ދާން މީގެ ކުރިން ޖެހުނު ކަމަށެވެ. އަދި އިންސާފު ގާއިމު ކުރުމަކީ އެމްޑީޕީގެ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ މުހިއްމުކަން ދޭނެ އެއް ސިޔާސަތު ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ސިޔާސަތުތައް ބައްޓަން ވެގެން ދާނީ މިނިވަންކަމާއެކު އިންސާފުގެ މަތީގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންނަށް އިތުބާރުތަކެއް ލިބިއްޖެކަން ހާމަ ކުރައްވައި ސޯލިހު ވިދާޅުވީ، ސްޕްރީމް ކޯޓާ ދޭތެރޭގައި އޮތް ޝައްކު ފިލާ އިތުބާރު އިިތުރުވެއްޖެ ކަަަމަށެވެ. އަދި އެންމެ މުހިއްމު އެއް އަމާޒަކީ އިންސާފުގެ ދުވެލި ބާރުކޮށް، މަޑުޖެހިފައި ހުރި ޝަރީއަތްތައް އަވަސް ކުރެވޭނެ ގޮތް ތަކެއް ހޯދައިދިނުން ކަމަށެވެ. އެކަމަށްޓަކައި އިތުރަށް ބޭނުންވާ ކަންތައްތަކާއި ވަސީލަތްތައް އިތުރުކޮށް ޕްރޮފެޝަނަލް ފަނޑިޔާރުން ހޯދަން އެބަ ޖެހޭ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މީދޫގެ ރައްޔިތުން ބޭނުންވާ ދެކަމެއް އޮންނަ ކަމަށާއި އެއީ ހޮސްޕިޓަލާއި ބަނދަރު ބޮޑުކުރުން ކަމަށެވެ. އަދި ބަނދަރު ބޮޑުކުރުމަކީ ވެވަޑައިގެންފައިވާ ވައުދެއް ކަމަށާއި ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެކަން ހާމަ ކުރައްވަމުން ވިދާޅުވީ، އާ ހޮސްޕިޓަލް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި މާ ލަސްނުވެ އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ.
ރައީސް ވަނީ އަންނަ ދައުރުގައި މީދޫގެ ބިން އިތުރުކޮށް ހައުސިން މަޝްރޫއެއް ހިންގުމާއި ނުހެދި ހުރި މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ހައްދަވައި ދެއްވުމުގެ އިތުރުން ބޮޑު މިސްކިތަކާއި ކަރަންޓް ކެފޭސިޓީ އިތުރުކުރަން އާ އިންޖީނުގެއެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ވިދާލުވެފައެވެ. އަދި މީދޫގައި ވޮލީ ކޯޓާއި ފްޓްބޯޅަ ސްޓޭޑިއަމްގެ އިތުރުން ކޮމިއުނިޓީ ސެންޓަރެއް ހައްދަވަން ވެސް ވަނީ ވައުދު ވެވަޑައިގެންފައެވެ.