ހދ. ހިރިމަރަދުއަށް މުދާ އުފުލާ ދޯންޏެއް ނެރުމައްޗަށް އުރިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، މާލެއިން ފުރައިގެން ހިރިމަރަދުއަށް މުދާ ހިފައިގެން ދަތުރުކުރި "ހޮރިޒިއާ3" ނަމަކަށް ކިޔާ ދޯންޏެއް އެރަށު ނެރުގެ ކަނާތު ފައިކަށްޓަށް އުރި ދިޔަވަމުންދާ ކަމަށެވެ. އެއާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތި ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިއަދު 7:00 އެހާއިރު ހިލައާއި ހިލަވެލި ބަރުކޮށްގެން އައި އެ ދޯނި ނެރުމައްޗަށް އުރުނު ނަމަވެސް އެއްވެސް ފަރާތަކަށް އެ ކަމުގެ ސަބަބުން އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ދޯނި ނެރު މައްޗަށް އުރުމާއެކު ދޯނީގައި ހުރި ހަރު މުދާތައް ނެރު މައްޗަށް ބޭލި ނަމަވެސް އެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާއިރު އެއީ ރަށުގެ ތަރައްގީގެ އެކި މަސައްކަތަށް ގެންދިޔަ ތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެ ރަށުގެ ނެރު މިހާރު ވަރަށް ބޮޑަށް ތިލަވެފައިވާ ކަމަށާއި އެ ކަމުގެ ކަންބޮޑުވުން ސަރުކާރުގެ އިތުރުން އެންވާރަމެންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އާ ހިއްސާ ކުރައްވާފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. ނެރު ތިލަ ވުމުގެ ސަބަބުން ލަފާ ފުރުމަށް ދަތިތަކެއް ދިމާވާކަން ފާހަގަ ކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ އަތޮޅު ފެރީވެސް އެ ރަށަށް ނުޖައްސާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ދޯނި ފުން ކުރުމަށް ރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުގެ މީހުންގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި އެމްއެންޑީއެފްއާއި ފުލުހުންގެ އެހީތެރިކަންވެސް އެކަމުގައި ލިބެމުންދާ ކަަމަށް ވަހީދު ވިދާޅުވިއެވެ. 98 ފޫޓްގެ މި ދޯނި ނެރުމަައްޗަށް އުރުމުގެ ސަބަބުން ދޯނީގެ ބަނޑުފިލައިން ބައެއް ވަނީ ފަޅައިގެން ގޮސްފައެވެ.