އެހެން އެއްވެސް ސަރުކާރުން ހާމަނުކުރާހާ ގިނަ މައުލޫމާތު މި ސަރުކާރުން ހާމަކުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަރަވަންދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ސޯލިހު ވިދާޅުވީ ހެޔޮ ވެރިކަމެއް ކުރާނަމަ ރައްޔިތުން ބުނާގޮތަށް ރައްޔިތުން އެދޭގޮތަށް އެ ވެރިކަން ކުރަން ޖެހޭ ކަމަށާއި ހެޔޮ ވެރިކަމެއް ކުރާނެ ބަޔަކު އިހުތިޔާރު ކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރަކުން އެންމެ ގިނައިން ޖަވާބުދީފައި ވާނީ މި ސަރުކާރުން ކަމަށާއި ރައިޓް ޓް އިންފޮމޭޝަން ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުމަށް ހުށަހެޅި 10،000 އެއްހާ ހުށަހެޅުމަށް ޖަވާބު ދީފައިވާ ކަމަށެވެ. އަދި އިންސާފު ގާއިމު ކުރުމަަށް ޝަރުއީ ދާއިރާ މިނިވަން ވާން ޖެހޭކަން ފާހަގަ ކުރަވައި ރައީސް ސޯލިހު ވިދާޅުވީ އެކަން ކުރެވިއްޖެ ކަމަށާއި ދެން ބޭނުންވެވަޑައިގަންނަވަނީ ފަނޑިޔާރުންނަށް މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރުމާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ.

"ހަމަ ގައިމުވެސް މި ފަސް އަހަރު ވެގެންދާނެ ރައްޔިތުން މަޖިލީހަށް ސަރުކާރަކުން އެންމެ ގިނައިން ޖަވާބުދާރީވި ސަރުކާރަށް"
ރައީސް ސޯލިހު

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަމެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުވައްޒަފުން ކުރަންޖެހޭ ކަމަކަށް ހަދަން ޖެހޭ ކަމަށާއި މަޖިލީހުގެ ދައުރުވެސް އެހާ ބޮޑުއިރު ހުށަހެޅޭ ގާނޫނުތައް އަވަސްކުރަން ވެސް ޖެހޭ ކަމަށެވެ.

މަޖިލީހުގައި ފާސްކުރަން ޖެހޭ ގިނަ ގާނޫނުތައް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވައި ވިދާޅުވީ، މަސައްްކަތްތެރިންނާ ބެހޭ އެތައް ގާނޫނަކާއި ބިލުތައް އެބަހުރި ކަމަށެއެވެ. އަދި މަޖިލީހުގެ ރިޔާސަތާއި މެންބަރުންގެ މެދުގައި ސިޔާސީ ބޮޑު ނުތަނަވަސްކަމުގެ ތެރޭގައި އޮތް ނަމަވެސް އެފަދައިން ކަންކަން ހުއްޓިގެން ނުވާނެ ކަމަށާއި ހެޔޮވެެރިކަމެއް ކުރާ ކަމަށް ވަނީނަމަ ރައްޔިތުން ބޭނުންވާ ކަންކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަޖިލީހާއި ޝަރުއީ ދާއިރާ ބަރާބަރަށް ހިންގަން ޖެހޭ ކަމަށާއި ގާނޫނީ ބާރު، ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ނުދީ ހިފަހައްޓައިގެން ތިބެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވަނީ އާދައިގެ މަތިން ހުރިހާ ރަށަކަަށް ވައުދު ވެވަޑައިގަންނަވާ ފަދައިން ދަރަވަންދުއަށް ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ސިއްހީ މަރުކަޒު ހަރުދަނާ ކުރުމާއި ރޯ ހައުސް ނުވަތަ ފްލެޓް އަޅައިދިނުމަށް ވަނީ ވައުދު ވެވަޑައިގެންފައެވެ. ދަރަވަންދޫގައި ހިންގަމުންދާ ބ އަތޮޅު މަދަރުސާއަށް ބޭނުންވާ އޮފީހާއި އިތުރު ކްލާސްރޫމުތައް އަޅައިދިނުމާއި ބޮޑެތި މަގުތައް ތާރުއަޅާ ފުރިހަމަ ކޮށްދެއްވާނެ ކަމަށާއި ޕިކްނިކް ދިއުމަށް ދަރަވަންދުއާ ކައިރި ފަޅު ރަށެއް ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރައްވާނެ ކަމަށާއި އޮފީސް ކޮންޕްލެކްސް އެއް އަޅާ އެއާޕޯޓް ބޮޑުކޮށްދެއްވަން ވެސް ވައުދު ވެވަޑައިގެންފައެވެ.