މާލޭގެ ސަރަހައްދުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ސިޓީ ކައުންސިލުން އެމްޑީޕީއަށް ހުއްދަ ނުދޭކަމަށް ބުނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރީޔާ އަހްމަދު ދީދީ ދެއްކެވި ވާހަކައަކީ ދޮގެއްކަމަށް ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އެ ރޭ 11:59ގެ ނިޔަލަށް އާޓިފިޝަލް ބީޗް އެ ޕާޓީއަށް ދޫކޮށްފައިވާ ކަމަށް ޖޫން 11 ވަނަ ދުވަހު އަންގާފައި ވާނެ ކަމަށެވެ.

އެ ހުއްދަ ދޫކުރިފަހުން އެ ޕާޓީއިން އެދިފައިވާތީ ސިޓީ ކައުންސިލުން މިއަދު ވަނީ، ސިޔާސީ ހަރަކާތް ހިންގުމަށް ކާނިވާ ސަރަހައްދު އެމްޑީޕީއަށް ދޫކޮށްފައެވެ. ސިޓީ ކައުންސިލުން ކާނިވާ ސަރަހައްދު އެ ޕާޓީއަށް ދޫކޮށްފައި ވަނީ އަންނަ މަހު 6 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 7 ވަނަ ދުވަހުގެ ރޭ 23:59އަށެވެ.

އެ މުއްދަތަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވާ ކަން ބަޔާންކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ސިޓީ ކައުންސިލުން ފޮނުވި ސީޓީގައި އިތުރަށް ބުނެފައި ވަނީ މިއަދު ދިން ހުއްދައާއެކު ޖޫން 11، ވަނަ ދުވަހު އެ ކައުންސިލުން އާޓިފިޝަލް ބީޗަށް ދީފައިވާ ހުއްދަ ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަދި ކެމްޕެއިން ހަރަކާތް ބޭއްވުމަށް ތަން ތައްޔާރުކުރާ ވަގުތުތަކުގެ އިތުރުން ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާ ވަގުތު، ތަނުގައި ހުންނަ ގަސްތަކަށާއި ތަކެއްޗަށް ގެއްލުމެއް ނުވާނޭ ގޮތަކަށް ކަންކަން ކުރުމަށާއި ޖަލްސާ ނިމުމުން ތަން ސާފުކުރުމަށްވެސް ވަނީ އަންގާފައެވެ.

ސިޓީ ކައުންސިލުން ބުނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުއްދައަަށް އެދިފައިވާ ސިޓީތަކަށް ޖަވާބު ދިނުމަށް ވަގުތު ނަގާފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތައް ބޭނުންވެގެން އެދިފައިވާތީ މަޝްވަރާކޮށް، އެއްވެސް ބަޔަކަށް ދަތިނުވާނެހެން އެކަން ހަމަޖެއްސުމަށްޓަކައި ކަމަށެވެ.

ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ފަރާތްތަކަަށް ދިނުމަށްޓަކާ މަޝްވަރާކުރެވި ކައުންސިލުން މިހާރުވެސް އެ ފަދަ ހުއްދަތައް ދެމުންދާ ކަމަށާއި އެމްޑީޕީއަށް ވެސް އެ ހުއްދަ ދޫކޮށްފައިވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.