"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ، ގޯތީގެ ގުރުއަތު ނެގުމުގެ ހުރިހާ މަސައްކަތްތައް އިއްޔެ ނިމިފައި ވާ ކަމަށާއި ގުރުއަތު ނެގުމަށް ނާދެވުނު މީހުންނާއި ބަދަލުގައި މީހަކު ނުފޮނުވާ މީހުންގެ ގުރު ވެސް، މިނިސްޓްރީގެ އޮފިޝަލުން މެދުވެރިކޮށް މިހާރު ނަގާފައިވާ ކަމަށެވެ. އަދި ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް އަންނަ ބުރާފަތި ދުވަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގޯތި ލިބުނުކަމުގެ ލިޔުމެއް ދިނުމުގެ ބަދަލުގައި، ގޯތީގެ ރަޖިސްޓްރީ ވެރިފަރާތާ ހަވާލުކުރަން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،351 ގޯތީގެ އިތުރުން، ގުޅީފަޅުން 2،218 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 5،432 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.

މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.