މިދިޔަ ރިޔާސީ އިންތިހާބުގައި 75 ޕަސެންޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިން ބ. ދޮންފަނުން މިއަދުވެސް ފެންނަނީ އިތުބާރު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ބ. ދޮންފަނަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެކި އެކި އިންތިހާބުތަކުގެ ކެމްޕެއިނަށް އެމަނިކުފާނު ދޮންފަނަށް މީގެ ކުރިންވެސް ވަޑައިގެންފައިވާ ކަމަށާއި އެ ރަށުގެ ރައްޔިތުން އޮއްސާލަނީ ބޮޑެތި ކަންބޮޑުވުންތައް ކަމަށެވެ. އަދި އެ ރަށުގެ މީހުން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ލަފާފުރޭނެ ގޮތް ނެތުމާއި ރަށް ގިރުމުގެ އިތުރުން ކަރަންޓް ނުލިބޭ މައްސަލަކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެކަންކަމަށް ހައްލު ގެނެވިއްޖެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ދެ ސަރުކާރެއް ބަދަލުވިއިރުވެސް ދޮންފަނުގެ އަސާސީ ބޭނުންތައް ފުއްދައިދީފައި ނުވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އެ ދުވަހު ވެވެޑައިގެން ވައުދުތަކުގެ ބޮޑު ބައި ނިންމިފައިވާ ކަމަށެވެ. އަދި ބަނދަރު ވަނީ ރަނގަޅަށް ހެދިފައި ކަމަށާއި މޫސުމަށް އަންނަ ބަދަލާއެކު ބަނދަރަށް ކުދި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
ދޮންފަނުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާކަން ދޮންފަނު ރައްޔިތުންނަށް ޔަގީންކަން އޮތްކަން މިއަދުވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ދޮންފަނު ބިން އިތުރުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެ ރަށުގެ މީހުން އެންމެ ބޭނުންވާ ކަންތައް ކަމަށާއި ކުރިއަށް އޮތް ދައުރު އެންމެ ފުރަތަމަ ދޮންފަނަށް ކޮށްދެއްވާނެ ކަމަަކީ ބިން އިތުރުކޮށް ފްލެޓް ނުވަތަ ރޯ ހައުސް އަޅައިދިނުން ކަމަށެވެ. އަދި ދޮންފަނު ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލު އަޅައިދެއްވާނެ ކަަމަށާއި ބަނދަރު ރިވެޓްމަންޓާ ދެންވެސް ހައްލު ކުރަން ޖެހޭ ކަންކަން ބަލާ ހައްލުގެނެސް ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދޮންފަނު ފުޓްބޯޅަ ދަނޑު އަވަސްކޮށްދީ ޔޫތު ކޮމިއުނިޓީ ސެންޓަރަކާއި ވޮލީ ކޯޓެއް އަޅައިދެއްވާނެ ކަަމަށެވެ. އަދި ދޮންފަނުގެ ކުޑަކުދިންނަށް ހާއްސަކޮށް ޕާކެއް ހަދައިދެއްވަންވެސް ރައީސް ސޯލިހު ވަނީ ވައުދު ވެވަޑައިގެންފައެވެ.