ބ. ތުޅާދޫގެ ބިން އިތުރުކޮށް އިންޑަސްޓްރިއަލް ޒޯނެއް ހައްދަވައިދެއްވާނެ ކަމުގެ ވައުދުފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ތުޅާދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އޮތީ އެންމެ އެޖެންޑާއެއް ކަމަށާއި އެއީ ތަރައްގީގެ އެޖެންޑާއާއި ރައްޔިތުންނަށް ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތައް ފުއްދަވައިދެއްވުމުގެ އެޖެންޑާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމަކާއި އަމާން މުޖުތަމައުއެއް ހޯދައިދިނުމުގެ އެޖެންޑާ ތަންފީޒު ކުރަމުންވަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެޖެންޑާވެސް އޮތީ އެގޮތަށް ކަމަށެވެ. އަދި ތުޅާދޫގައި ބޭނުންވެފައިވާ ގިނަ ކަންތައްތައް މި 5 އަހަރުގެ ތެރޭގައި ކުރެވެމުން އެބަދޭ ކަމަށާއި ބައެއް ކަންކަން ނިމިފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ތުޅާދޫއަށް އެންމެ ބޭނުންވެފައި އޮތް ކަމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން ކަމަށާއި 100 ހައުސިން ޔުނިޓް މިހާރު ނިމި މީހުން ވަންނަން ތައްޔާރު ވެފައިވާ ކަމަށާއި އަދިވެސް އިތުރު 100 ހައުސިން ޔުނިޓް ބޭނުންވާ ކަމަށެވެ. އަދި ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ހޯދުމަކީ ތުޅާދޫގެ ރައްޔިތުން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިހާރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަަމަށާއި އެ ޕްލޭނާ އެއްގޮތަށް ނިމި އެ ރަށުގެ ރައްޔިތުންނަށް ހިދުމަތް ލިބޭނެ ކަމަސެވެ.
ރައީސް ސޯލިހު ވިދާޅުވީ ދެން ކުރިމަތިވެފައި އޮތް މައްސަލައަކީ ހެދިފައިވާ ބަނދަރުގެ މައްސަލަ ކަމަށާއި އެ މަޝްރޫއުގެ ކޮންޓްރެކްޓް ކުރެވިފައިވާ ކަަމށާއި އަމަލީ މަސައްކަތް ލަސް ނުވެ ފެށިގެންދާ ކަމަށެވެ. އަދި ރައްޔިތުން އޭރު އެންމެ އެދުނު ކަމަކީ އެއާޕޯޓް ކަމަށާއި އެއާޕޯޓް ކޮންޓްރެކްޓް ކުރެވި އަދި އަމަލީ މަސައްކަތް މި އަންނަ ހަފްތާ ނިމުމުގެ ކުރިން ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ތުޅާދޫއަށް ރައީސް ވެވަޑައިގެން ވައުދުފުޅުގެ ތެރޭގައި އެ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތާރުއެޅުމާއި ބީޗު އޭރިއާ ތަރައްގީކޮށް ޕިކްނިކް އައިލެންޑެއް ހެދުމާއި ޒުވާނުންނަށް އިންޑޯ ސްޕޯޓްސް ކޮންޕްލެކްސް ހެދުމާއި މަސް ގަނެވޭނެ ގޮތަށް ބޯޓެއް ބޭއްވުން ވެސް ހިމެނެއެވެ، އަދި އެ ސަރަހައްދުގައި އަކުއާ މެރިން ކަލްޗާ އިންޓަސްޓްރީ ތަރައްގީކުރަން ޕްރައިވެޓް ފަރާތްތަކަށް ލޯނު ފޯރުކޮށްދެއްވާނެ ކަމަށާއި ވޭސްޓް މެނޭޖްމެންޓް ޒަމާނީ ވަސީލަތާއެކު ގާއިމުކުރައްވާނެ ކަމަށް ރައީސް ސޯލިހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނެއެވެ.