އަންނަ ޖެނުއަރީ މަހު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 40 ޕަސެންޓަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ތުޅާދުއަށް ވަޑައިގެން އެ ރަށުގައި މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަން ވަނީ ފަށާފައި ކަމަށާއި އެގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެވިފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އަމާޒަކީ ޕޭ ހާމަނައިޒޭޝަން ނިންމާނީ ދައުލަތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެސްގެން ކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުންނާއި ޖުޑިޝާރީ ދާއިރާ ހުރިހާ މުވައްޒަފުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަންއާއި ކަރެކްޝަންސްއާއި ސިވިލް ސާވިސް ހުރިހާ މުވައްޒަފުންގެ އިތުރުން މުދިމުންނާއި އިމާމުން އަދި ކައުންސިލްގެ ސިވިލްސާވެންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަމާޒަކީ ދެން ދެން ފާސްކުރާ ބަޖެޓާއެކު އަންނަ ޖެނުއަރީ މަހު އެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން ކަމަށާއި އެ ގެނެވޭ ބަދަލާއެކު ބޮޑުތަނުން ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ފުލުހުންގެ ކޮންސްޓްބަލް އަކަށް މުސާރާގެ ގޮތުގައި މިހާރު ލިބެނީ 10،000 ރުފިޔާ ކަމަށާއި އެ ބަދަލާއެކު 15،400 ބޮޑުވެގެންދާނެ ކަމަށެވެ. އަދި 40 ޕަސެންޓް ބޮޑުވެގެންދާނެ ކަމަށާއި ސިފައިންގެ ޕްރައިވެޓް އަކަށް މުސާރާގެ ގޮތުގައި މިހާރު ލިބޭ 11،500 ރުފިޔާގެ ބަދަލުގައި 16،500 ރުފިޔާ ލިބޭނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ލޯކަލް ކައުންސިލްގައި 7200 ރުފިޔާ ލިބޭ މުވައްޒަފުންނަށް 10،500 ރުފިޔާ ލިބޭނެ ކަމަށާއި މިނިސްޓްރީގެ ޑައިރެކްޓަރުންނަށް ލިބޭ 16،000 ރުފިޔާގެ ބަދަލުގައި 23،200 ލިބޭނެ ކަމަށެވެ. އަދި ޗީފް އިންސްޕެކްޓަރުގެ މުސާރަ 34،300 ރުފިޔާގެ ބަދަލުގައި 48،000 ރުފިޔާ ލިބޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ބަދަލާއެކު ހަމަ ޖެހިލައިގެން އާއިލާއާއެކު އުޅެވޭނެ ކަމަށާއި ބަދަލާއެކު ސަރުކާރުގައި މަސައްކަތް ކުރާ 44281 މީހުން މުސާރައަށް ހެޔޮ ބަދަލުވެގެންދާނެ ކަމަށެވެ. އަދި އެއީ މިއިން ޒަމާނެއްގައި ވެރިއަކު ކޮށްފައި އަދި ކުރަން ވިސްނިވެސް ކަމެއް ނޫން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.