ބަނދަރެއް ނެތި އުޅެން ޖެހޭނެ ތަކުލީފު އިނގޭނީ އެކަންކަން ތަޖުރިބާ ކުރި މީހުންނަށެވެ. މި ޒަމާނަށް ބަލާލިޔަސް އެ ފަދަ ތަކުލީފެއް އުފުލަން ޖެހޭ ރަށެއް ފެންނާނީ ވަރަށް މަދުންނެވެ. އެގޮތުން ދާދިފަހަކާ ޖެހެންދެން ބަނދަރެއް ނެތި، ލަފާފުރުމުގައި ގޮންޖެހުންތަކާ އެކު ރައްޔިތުން ތަކެއް ދިރިއުޅުނު ރަށްތަކުގެ ތެރޭގައި ބ އަތޮޅުގެ ފުޅަދުއާއި ފެހެންދޫ ފާހަގަ ކޮށްލެވެއެވެ.

ބަނދަރެއްގެ ހިދުމަތް ލިބެން ފެށިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައި ތިބި މީހުންނަށް މިހާރު ވަނީ ލަފާފުރަމަށް ފަސޭހަ ވެފައެވެ. މީގެ ކުރިން ފާލަމުގެ ބޭނުން ކުރި އަދި ގޮނޑުދޮށަށް ބީއްސާލާ ދޯންޏަށް ތެމިގެން އަރާ އުޅުނު ދުވަސްތަކުގެ ވާހަކަ މިއަދުވެސް އެ މީހުން ދައްކަނީ ވަރަށް އަސަރާ އެކުއެވެ. އެ ދެ ރަށުންވެސް ވާހަކަ ދައްކާލި ބައެއް މީހުން ކިޔައިދިނީ ބަނދަރަކަށް އެދި އެ މީހުން އާދޭސްކުރި ދުވަސްތަކުގެ ވާހަކައެވެ. ބައްޔެއް ވެގެން ނުވަތަ އެ ނޫންވެސް ސަބަބުތަކާހުރެ ކުރަން ޖެހޭ ކުއްލި ދަތުރުތަކުގައި ރޭގަނޑު އެ މީހުން ކުރަން މަޖުބޫރު ކުރުވި ހިތްދަތި ދަތުރުތަކުގެ ވާހަކައެވެ.

މީގެ ކުރިން އެ ރަށް ރަށުގެ މީހުން މާލެއިން ގެންދާ މުދާކޮޅު ބަލާދަނީވެސް އެ ރަށާ ކައިރީގައި އޮންނަ ގޮއިދުއަށެވެ. އިތުރަށް އެތައް ހަރަދެއް ކޮށްގެންނެވެ. އެ ރަށު މީހުން ބުނާ ގޮތުގައި އެތައް ރައީސުންނެއް ބަނދަރު ހަދައިދޭން ވައުދު ވެވަޑައިގެން ބަނދަރުގައި ކަޑަވެސް ޖެހިއެވެ.

ބ. ފުޅަދޫ ބަނދަރު/ ފޮޓޯ: ދަ ޕްރެސް
"މާލެއިން އަންނަ ދޯނި ފަހަރު ވެސް ޖައްސަނީ ގޮއިދޫއަށް އެހެންވެ ގޮއިދޫއިން މުދާވެސް ގެންނަން ޖެހެނީ. ރުފިޔާތަކެއް ހަރަދުކޮށްގެން ގޮއިދޫއަށް ދާން ޖެހެނީ."
ފުޅަދޫއިން ވާހަކަދެއްކި މީހަކު

އެ ރަށުން ވާހަކަދެއްކި މީހުން ބުނީ ރައްޔިތުން އަބަދުވެސް ބުނަމުން ދިޔައީ ރައްޔިތުން ވޯޓު ދޭނީ ފުޅަދުއަށް ބަނދަރު ހަދައިދޭ ރައީސް އަކަށް ކަމަށާއި އެކަން ކޮށްދެއްވީ މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކަމަށެވެ. އެ ދެ ރަށުގެ ރީތި ދޮންވެލި އަތިރިމައްޗަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ބަނދަރު ހަދައިދިނުމުގެ އިތުރުން އެ ރަށުގެ އާ އިންޖީނުގެއަކީ ވެސް އެ ރަށުގެ މީހުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފުޅަދޫގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއިން އަރަމުންދާ ދުމާއެކު ކައިރީގައި ހުންނަ ގެތަކުގައި ކާ އެއްޗެއްވެސް ނުބެހެއްޓޭ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ. އެހެންނަމަވެސް މިހާރު ރަށަށް ބޭނުންވާ ކަންތައްތައް ދަނީ ބާރު ސްޕީޑްގައި ކުރިއަށް ކަމަށާއި އަސާސީ ހިދުމަތް މިހާރު ދަނީ ބަރާބަރަށް ކުރިއަށް ކަމަށް އެ ރަށު މީހުން ބުނެއެވެ.

393 މީހުންގެ އާބާދީ ހިމެނޭ ފުޅަދުއަކީ ގްރޭޑް 9 އާ ހިސާބަށް ކިޔަވާދެމުން އަންނަ ރަށަކަށް ވާއިރު އިތުރަށް ކިޔަވަން ބޭނުންވާ ކުދިންނަށް ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައި ދީފައެވެ. އަދި ހަމަ އެހެންމެ އެހެން ރަށް ރަށަށާއި މާލެއަށް ގޮސް ސާނަވީ ތައުލީމު ނިންމާ ކުދިންވެސް އެރަށުގައި މަދެއް ނޫނެވެ. ފަތުރުވެރިކަމުގައި ނަން ހިނގާ ފުޅަދުއާއި ފެހެންދުއަކީ ގެސްޓް ހައުސް ވިޔަފާރިއަށް ބެލި ނަމަވެެސް ކުރި ހޯދަމުން އަންނަ ރަށެކެވެ.

ބ. ފުޅަދޫ ކައުންސިލް އިދާރާ/ ފޮޓޯ: ދަ ޕްރެސް

ފުޅަދޫ ރައްޔިތުންގެ ކުރިއަށް އޮތް އުންމީދަކީ ސިއްހީ ނިޒާމު ފުޅާކޮށް ލެބޯޓްރީގެ ހިދުމަތް އެރަށުން ލިބުމާއެކު ގޮއިދުއަށް ކުރަން ޖެހިފައިވާ ދަތުރަށް ނިމުމަކަށް ގެނައުމެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގެން ވަނީ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ފުޅަދުއިން ފާހަގަވި އަނެއް ކަމަކީ އެ ރަށުގެ ކައުންސިލްގެ އިމާރާތް ބާވެފައިވާ ކަމެވެ. ސިފަވަނީ މީގެ ކުރިން މީހުން ދިރިއުޅެމުން ދިޔަ ގެއެއްގެ ގޮތުގައެވެ. އެ ރަށުން ވާހަކަ ދެއްކި ކައުންސިލް އިދާރާގެ މުވައްޒަފަކު ބުނީ އެ ކައުންސިލް އިދާރާއަށް ގިނަ ދުވަސްތަކެއް ވެފައިވާ ވާއިރު އެތަނުގެ އެތެރެ ފެންނަ މީހަކު ހިތް ފަޅައިގެން ދާނެ ކަމަށާއި އެތަނުގެ އެތެރެ ހުންނާނީ ހާޑް ބޯޑު ފިލާގައި މޮހޮރު ޖަހައި ހަދައިގެން ކުލަލާފައި ކަމަށެވެ.

318 އާބާދީގެ ފެހެންދޫ އިން ވާހަކަ ދައްކާލި ގެސްޓް ހައުސް ވިޔަފާރިވެރިއަކު ބުނީ އޭނާގެ ދެ ގެސްޓް ހައުސް ހުންނަ ކަމަށާއި ފުރަތަމަ ގެެސްޓް ހައުސް ހެދީ އެތަން ހެދުމަށް މާލެއިން ގެންދިޔަ މުދާ ބަލައި ގޮއިދުއަށް 10 ދަތުރު ކޮށްގެން ކަމަށެވެ. މިހާރު އެހެންނަމަވެސް އެކަމަށް ހައްލު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ބ. ފުޅަދޫ ކައުންސިލް އިދާރާ/ ފޮޓޯ: ދަ ޕްރެސް
"10 ދަތުރު އަޅާލަން އެބަ ގޮއިދޫއަށް ހިލަ، ހިލަވެލި ސިމެންތި އެއްޗެހި ބަލާ. އަހަރެމެން ފުރަތަމަ ގެސްޓް ހައުސް ހަދާފައި އެ ހުރީ އެ ގޮތަށް ދަތުރު ކޮށްގެން"
ފެހެންދޫގެ ގެސްޓްހައުސް ވިޔަފާރިވެރިއެއް

ފެހެންދުއަކީ މީގެ ކުރިން ސްކޫލެއް ހުރި ރަށެއް ނަމަވެސް މީގެ 10 އަހަރު ދުވަސް ކުރިން އެތަން ވަނީ ބަންދު ކޮށްފައެވެ. އެއާއެކު އެ ކުޑަ އާބާދީގެ ދަރިންގެ މުސްތަގުބަލަށްޓަކައި އެ ކުދިންނަށް ތައުލީމު ހޯދައިދިނުމަށް ކައިރީގައި އޮންނަ ގޮއިދުއަށް އެ ކުދިންގެ މައިންބަފައިން ކޮންމެ ދުވަހަކު އެތައް ދަތުރެއް ކުރިއެވެ.

އެ ބޮޑު ގުރުބާނީގެ ހަނދާން އާ ކުރަމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ދަރިން ގޮވައިގެން މައިންބަފައިން ކޮންމެ ދުވަހަކު 4 ވަރަކަށް ފަހަރު ގޮއިދުއަށް ދާން ޖެހުނު ކަމަށާއި އިންޓަވަލް ހިފައިގެންވެސް ދާ ކަމަށެވެ. އެހެންނަމަވެސް އެކަން ނިމުމަކަށް ގެނެސް މިހާރު އެ ރަށުގައި ސެޓްލައިޓް ސްކޫލަކުން ވަނީ ކިޔަވައިދޭން ފަށާފައެވެ. މިއަދު އެ ސްކޫލުގައި 15 ވަރަކަށް ކުދިން ކިޔަވަމުން ދާއިރު އެ ރަށުގެ ރައްޔިތުންގެ އުއްމީދަކީ ރަށުގައި ތިބެގެން ރަނގަޅު ތައުލީމެއް ލިބުމެވެ.

މި ހުރިހާ ސަބަބުތަކެއް މިހެން ހުރުމާއެކު ފުޅަދުއާއި ފެހެންދުއަކީ 'ކުލަ ޔެލޯ ނޫން ގޮތެއް ނެތް' ދެ ރަށެވެ. އެ ދެ ރަަށުގައި އޮތް 'ޔެލޯ' ކުލައާ އެކު އެ ދެރަށުގެ ވޯޓު ވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.