ބ. ފުޅަދޫގައި ޓޫރިޒަމް އިތުރަށް ފުޅާކޮށް އެއާޓެކްސީ ޖެއްސޭނެ ހިދުމަތް ހަމަޖައްސައި ދޭނަން ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އެ އަތޮޅުގެ ފުޅަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފުޅަދޫއިން މުއިއްޒަށް ލިބިވަޑައިގެންނެވީ 37 ޕަސެންޓެވެ. އަދި 54 ޕަސެންޓް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހޯއްދަވާފައެވެ.
މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި އިތުރު ވޯޓު ހޯދަން ފުޅަދޫގެ ރައްޔިތުން މަސައްކަތް ކުރައްވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ފުޅަދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ޓޫރިޒަމް ފުޅާކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އެންމެ މުހިއްމު ކަމަކީ ފުދުންތެރި ރައްޔިތުންތަން ތަކަކަށް ހުރިހާ ރައްޔިތުން ހެދުން ކަމަށެވެ. އަދި ޒުވާނުން އަދި ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު އިގްތިސޯދުގެ ތެރެއިން ފުޅާކުރައްވާނެ ކަމުގެ ވައުދު މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި އިންވެސްޓް ކޮށްގެން ގެސްޓް ހައުސް އިތުރުކޮށްދޭން ފަހި ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށެވެސް ވިދާޅުވެފައެވެ. އަދި ފުޅަދޫއަށް ޓޫރިސްޓުން ގެނައުމާއި ގެންދިއުމަކީ ބޮޑު ދަތިކަމެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާއަށް އިތުރުބާރު ކޮށް ފުރުސަތު ދެއްވައިފިނަމަ ފުޅަދޫގެ ރައްޔިތުން އެދޭ ގޮތަށް ދަތުރުފަތުރު ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އެގޮތުން މުއިއްޒު ވަނީ އެެއާޓެކްސީގައި ސީދާ ފުޅަދުއަށް އާދެވޭނެ ހިދުމަތް ހަމަޖައްސައި ދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.
މުއިއްޒު ވިދާޅުވީ ފުޅަދޫ ފަދަ ޓޫރިޒަމް ދާއިރާގައި ކުރިއަރަމުން އަންނަ ރަށެއްގައި އެވަރުގެ ދަތުރުފަތުގެ ދަތިކަން ހުރެގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ ވަރުގެ ލޯކަލް ޓޫރިޒަމެެއް އޮތް ރަށެއްގައި ދަތުރުފަތުރުގެ ދަތިކަން ހުރުމަކީ ސަރުކާރުން އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިތުރު ފުރުސަތުތައް ޓޫރިޒަމް ދާއިރާގެ ފަހިވެގެން ދާއިރު ފައިސާ ޖަމާކޮށް ފައިސާ ނެގޭނެ ނިޒާމެއް ބެހެއްޓޭތޯ މަސައްކަތް ކޮށްދެއްވާނެ ކަަމަށެވެ. އަދި ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ކޮށްދެއްވާނެ ކަމެއް ކަމަށާއި އެގޮތުން ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމަކަށް ފުޅަދޫގެ ސިއްހީ ނިޒާމު ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކޮންމެ ރައްޔިތަށްވެސް އަދި ކޮންމެ ކަމެއްގައިވެސް ތަފާތުކުރުމެއް ނެތި އެކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތެއްވެސް މުހިއްމު ކަމަށް މުއިއްޒު ވިދާޅުވިއެވެ.