ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބ. ފުޅަދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ފުޅަދޫއަށް ވަޑައިގެން ޑރ. މުއިއްޒު ވިދާޅުވީ ފުޅަދޫގައި ޓޫރިޒަމް އިތުރަށް ފުޅާކޮށް އެއާޓެކްސީ ޖެއްސޭނެ ހިދުމަތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

މިއަދު މޯލްޑިވިއަންއަކީ ބުނީ މިއަދަކީ ބ. އަތޮޅުގެ ފަތުރުވެރިކަމަށް އެއްބާރުލުންދީ ފުޅަދޫއަށް ތާވަލް ދަތުރުތައް ފަށާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހު ދަތުރު އޮންނާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަންއިން ބުނީ އެ ދަތުރުތަކާއެކު ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ ބަލާލަން ފަތުރުވެރިންނަށް އަގުހެޔޮ، ފަސޭހަ އަދި ތަފާތު ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ފުޅަދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވާ ކެމްޕެއިނުގައި މުއިއްޒު ވިދާޅުވީ ޓޫރިޒަމް ފުޅާކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ޓޫރިޒަމްގެ ދާއިރާގައި އިންވެސްޓް ކޮށްގެން ގެސްޓް ހައުސް އިތުރުކޮށްދޭން ފަހި ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ފުޅަދޫއަށް ޓޫރިސްޓުން ގެނައުމާއި ގެންދިއުމަކީ ބޮޑު ދަތިކަމެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާއަށް އިތުބާރުކޮށް ފުރުސަތު ދެއްވައިފިނަމަ ފުޅަދޫގެ ރައްޔިތުން އެދޭ ގޮތަށް ދަތުރުފަތުރު ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

އެގޮތުން މުއިއްޒު ވަނީ ސީޕްލޭން ސީދާ ފުޅަދުއަށް އާދެވޭނެ ހިދުމަތް ހަމަޖައްސައި ދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.