ބ. ފުޅަދު އަށް ގޮތް ނޭނގޭ އެއްޗެހިތަކެއް އަޅާފައި ހުރި ޕެކެޓުތަކެއް ލެއްގުމުން، ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަކެތި ގެންގޮސްފިއެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރު "ދަ ޕްރެސް" އަށް ވިދާޅުވީ، ގޮތް ނޭނގޭ 10 ޕެކެޓެއް އެ ރަށަށް ލެއްގުމުން، ރަށުގެ ބައެއް މީހުން ޕެކެޓުތައް ހިފައިގެން އައީ ކައުންސިލު އިދާރާ އަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންނާ ގުޅައިގެން ކައުންސިލުން އެ ޕެކެޓުތައް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޝައްކުކުރެވެނީ އެ ޕެކެޓުތަކުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަމަށާއި، ނަމަވެސް އޭނާ އަށް އެ ޕެކެޓުތަކުގައި ހުރީ ކޮން އެއްޗެއްކަން ޔަގީންނުވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު ޕެކެޓުތައް ހުރި ގޮތުގެ ކުޑަ ތަފްސީލެއް އަޒްހަރު ދެއްވިއެވެ.

"ހުދު ކުލައިގަ ހުރި ކުނޑިތަކެއް އޭގަ ހުންނަނީ، ވަރަށް ރީތިކޮށް ޕެކްކޮށްފަ ހުރީ، ވަރަށް ރީއްޗަށް ޕެކްކޮށްފަ ޕެކިން ޖަހާފަ މީހެއްގެ ފޮޓޯގަނޑެއްވެސް އިން ޖަހާފަ، ބޭރު މީހެއްގެ، މެކްސިކޯ، ސާޗްކުރި ކުދިން ބުނީ އެހެން،" އޭނާ ވިދާޅުވިއެވެ.

މާބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް، މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުޅަދޫގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ތަކެތި ލައްގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށާއި، އެތަކެތި ވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް، ފުލުހުން ބުންޏެވެ.