ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހިދުމަތް ފޯރުކޮށްދޭކަން ބ. ފުޅަދޫއިން ފެނިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ފުޅަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ކަމަށާއި ފުޅަދޫގެ އިތުރުން ގޮއިދޫއާއި ފެހެންދޫ އަކީ ވެސް އެކަހެރިކޮށްފައިވާ ރަށްތަކެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ސަރުކާރުތަކުން މި ރަށްތައް ބޭނުންކުރަމުން ދިޔައީ އެކަހެރި ކުރާ މީހުން ފޮނުވާލައި ރަށްތަކެއްގެ ގޮތުގައި ކަމަށާއި މީގެ ކުރިން އައި އެއްވެސް ވެރިއަކަށް އަދި ރަސްރަސްކަލުންނަށް ވެސް މި ރަށްތައް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް ފެންނަމުންދާ ރަށެއްގެ ގޮތުގައި ފުޅަދޫ ވާނެ ކަމަށާއި ކުޑަރަށެއް އަދި ބޮޑުރަށެއް ނުބަލައި އަސާސީ ހިދުމަތްތައް ފޯރުކޮށް ދެއްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް 3 ނުވަތަ 4 އަހަރުގެ ތެރޭގައި ފުޅަދޫގެ އިގްތިސޯދު 3 ގުނަ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވެ މީގެ ކުރިން ފުޅަދޫގައި އޮތް ލަފާފުރުމުގެ އުނދަގޫކަން ހައްލުކޮށްދެވިއްޖެ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ފުޅަދޫގައި ވެސް އުޅެނީ އިންސާނުން ކަމަށާއި ހިދުމަތްތައް ފުއްދައިދޭން ޖެހޭނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ގިނަ ރަށްތަކުގައި ހިނގަމުންދާ ކަމަށާއި އެހެންނަމަވެސް ފުޅަދޫގައި ކުޑަ ލަސްކަމެއް ހުރި ނަމަވެސް އެކަމަށްވެސް ހައްލެއް ހޯއްދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފުޅަދުއަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް:

  • ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ ހިމެނޭ ފަޅުގައި ރިސޯޓެއް ހެދުން.
  • ކުޑަ ދޯނި ފަހަރު އެޅުމަށް ފްލޯޓިން ޖެޓީއެއް.
  • އިންޑޯ ވޮލީ ކޯޓެއް.
  • ކޮމިއުނިޓީ ސެންޓަރެއް.
  • ކުނި މެނޭޖްކުރުން ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް.
  • ސަރުކާރު މުވައްޒަފުންނަށް އެކޮމެޑޭޝަން ބްލޮކެއް.
  • ލެބޯޓްރީގެ ހިދުމަތް ފެށުން.

ރައީސްގެ މިދަތުރުފުޅުގައި އެ ރަށުގެ އާ އިންޖީނުގެއާއި އާ އިންޖީނުގޭގެ އޮފީސް އިމާރާތުގެ އިތުރުން ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.