ރަޝިއާގައި ކިޔަވައި ދިވެހި ދަރިވަރުން ތިބޭ ސަރަހައްދާ ގާތަށް ޔޫކްރައިންގެ ޑްރޯން ހަމަލާތައް އަމާޒުވާން ފަށައިފިއެވެ.
ރަޝިއާގެ ހުޅަނގުން ޔޫކްރައިން އާ އިންވެގެން އޮންނަ ކާސްކްގެ ރެއިލްވޭ ސްޓޭޝަނެއްގެ ފުރާޅަށް މިއަދު ޑްރޯން އަރާފައި ވާއިރު، އެ ސްޓޭޝަންގެ އެއް ޕްލެޓްފޯމް ވަނީ ހަލާކުވެފައެވެ. އަދި ފަސް މީހަކަށް އަނިޔާވެ އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާއިރު، މިއީ ދިވެހި ދަރިވަރުން ކިޔަވަން ތިބޭ ކާސްކް ސްޓޭޓް މެޑިކަލް ޔުނިވާސިޓީއާ ގާތްގަނޑަކަށް 5 މިނެޓުގެ ދުރުމިނުގައި ހުންނަ ތަނެކެވެ.
ރަޝިޔާގެ ކާސްކް ގައި ހުންނަ މެޑިކަލް ޔުނިވާސިޓީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން ދާ އިރު މިއަދު ރެއިލްވޭ ސްޓޭޝަނަށް ހަމަލާ އެރި ވަގުތުވެސް އެ ޔުނިވާސިޓީގައި ފިޒިކަލްކޮށް [ޔުނިވާސިޓީއަށް ގޮސް ތިބެ] 40 ދަރިވަރަކު ތައުލީމު ހާސިލު ކުރަމުން ދާކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. 5 މިނެޓު ދުރުމިނުގައި ހުންނަ އެ ރެއިލްވޭ ސްޓޭޝަނަކީ ގާތްގަނޑަކަށް މިން ކުރާނަމަ ޔުނިވާސިޓީ އާ 3 ކިލޯމީޓަރެއްހާ ގާތް ސަރަހައްދެކެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރަމުންދާ ދިވެހި މެޑިކަލް ދަރިވަރަކު ބުނީ، އެ ޔުނިވާސިޓީގައި 250-300 އާ ދެމެދުގެ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ކަމަށާއި މިވަގުތު ގިނަ ދަރިވަރުން ބްރޭކަށް ރާއްޖެ އައިސްފައި ތިބި ނަމަވެސް އެތާނގައި މިވަގުތުވެސް 40 ދަރިވަރުން ތިބި ކަމަށެވެ.
މީގެ ކުރިން ޔޫކްރެއިން ހަނގުރާމަ ފެށިތަނާ ކައިރީގައި ޔޫކްރައިން އާއި ރަޝިއާގައި ތިބި ހުރިހާ ދަރިވަރުން ރާއްޖެ ގެނައެވެ. އަދި އޮންލައިންކޮށް ކިޔެވޭނެ ގޮތް ތަނަވަސްކޮށްދީ ކިޔަވައި ދެމުން ދިޔަ ނަމަވެސް އެ ޔުނިވާސިޓީއާ ހަމައިގައި ހަމަލާ ބަދަލު ކުރުން ނެތް ކަމަށާއި އޮންލައިންކޮށް ކިޔަވައިދޭން ދަތިވާ ކަމަށް ބުނެ، ދަރިވަރުން ދާން އެންގިއެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރެ ކަމަށް ދަރިވަރު ވަނީ ބުނެފައެވެ. އެގޮތަށް ކިޔެވުން ކުރިއަށް ގެންގޮސް ސަމާ ބްރޭކަށް ދަރިވަރުން ރާއްޖެ އައިސްފައި ވާ ކަމަށާއި އަނބުރާ ކޮލެޖަށް ދާން ޖެހޭ ވަގުތު ކުޑަތަން ވެފައިވާ ކަމަށް ވެސް ބުންޏެވެ.
ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އަންބުރާ ދާން ޖެހޭ އިރު ހަނގުރާމައިގެ ކަންބޮޑުވުންތައް ފާޅުކުރަމުން އެ ދަރިވަރު ބުނީ، މިއަހަރު ޖުލައި މަހުން ފެށިގެން ހަމަލާތައް ދެމުން އަންނަ ކަމަށާއި މިހާރު ގާތްގާތުގައި ހަމަލާތައް ދޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ، މިއަދު ހެނދުނުގެ ހަމަލާގެ ކުރިން މިމަހުގެ 16 ގައި ވެސް ހަމަލާއެއް ދީފައިވާ ކަމަށެވެ.
ދަރިވަރު ބުނީ، މިހާރު ފުރަން ޖެހިފައި ވާ އިރު، ހަމަލާތަކެއްގެ މެދަށް ގޮސް ވަންނަން ޖެހުމުން ކަންބޮޑުވާ ކަމަށާއި ބޯމައްޗަށް ޑްރޯނެއް ވެއްޓޭނީ ކޮން އިރަކު ބާއޭ ހިތައް އެރިޔަސް ބިރުން ރޫރޫ އަޅާ ކަމަށެވެ.
ދަރިވަރު އިތުރަށް ބުނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސަރުކާރުން މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގައި ޔޫކްރައިން އިން މިހާރު ދަނީ ވަޔާއި ކަނޑު މަގުން ރަޝިއާއަށް ޑްރޯން ހަމަލާތައް ދެމުންނެވެ. އެގޮތުން މިފަހަކަށް އައިސް ޔޫކްރައިންގެ ޑްރޯން ހަމަލާތައް އިތުރު ކޮށް ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވެސް ދަނީ ޑްރޯނުން ހަމަލާދެމުންނެވެ. މި ޑްރޯންތަކަކީ ގޮވާތަކެތި ހަރުކޮށްފައި ހުންނަ ޑްރޯންތައް ކަމުން، އުދުހި ދާގޮތަށް ގޮސް އަމާޒުގައި ޖައްސާ ގޮއްވާލުމައި، ޖޯއިސްޓިކްގެ އެހީގައި ކޮންޓްރޯލް ކޮށްގެން ގެންގޮސް އަމާޒަށް ވައްޓާލައިގެން ހަމަލާ ދިނުން ފަދަ ގޮތް ގޮތަށް ހަމަލާތައް ދެއެވެ. ޔޫކްރައިން އިން ފޮނުވާލައި މިފަދަ ކިތަންމެ ޑްރޯނެއް ރަޝިއާއިން ވައްޓާލި ނަމަވެސް ބައެއް އެއްޗެހި ހަމަލާއިން ދިފާއުވާ ނިޒާމުގެ އަތުގައި ނުޖެހި ދެއެވެ.
ޔުނިވާސިޓީގައި ކިޔަވާ ދަރިވަރު ބުނީ، މިވަގުތު އެތާ ތިބި 40 އަކަށް ދަރިވަރުން ކަންބޮޑުވެފައި ވާއިރު، ޗުއްޓީއަށް ފަހު ދާން ޖެހޭ ދަރިވަރުންވެސް ތިބީ އެފަދަ ހާސްކަމެއްގައި ކަމަށެވެ.
ދަރިވަރުންގެ މިކަންބޮޑުވުމާ ގުޅިގެން މި ހަބަރު ޕަބްލިޝް ކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ބަހެއް ލިބޭތޯ މަސައްކަތް ކުރެވުނު ނަމަވެސް ލިބިފައެއް ނުވެއެވެ.