"ބިންވެރިޔާ ސްކީމް" ގެ ދަށުން މާލެއިން ބަންޑާރަ ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ދާއިމީ ލިސްޓްގެ ގުރުއަތު ލާން ނުދާ ފަރާތްތަކަށް ގުރުއަތު ލާން މާދަމާ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، "ބިންވެރިޔާ ސްކީމުގެ" ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުން މާދަމާ ހެނދުނު 10:00 ގައި ގަލޮޅު ދަނޑުގައި ކުރިއަށް ދާނެ ކަމަށެވެ. އެވަގުތަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުމަށް ހަމަޖެހިފައި ވަނީ މީޑިއާ ކުރިމަތީގައި އެ މިނިސްޓްރީގެ ފަރާތުން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ބިންވެރިޔާ ސްކީމްގެ ގުރުއަތުލުން ފަށާފައި ވަނީ ގަލޮޅު ފުޓްބޯޅަ ދަނޑުގައި މި މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހަށް ފަހު ކޮންމެ ދުވަހަކު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާ އިރު، ބިންކަނޑަށް ނިންމާފައި ވަނީ ގުރުއަތުލުން އެއްކޮށް ނިމުމުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. ނަމަވެސް ބިން ކަނޑާ ސީދާ ދުވަސް އަދި އެ މިނިސްޓްރީން އިއުލާނެއް ނުކުރެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.