ކުރީގެ ހޯމް މިނިސްޓަރު އަދި އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރަށް ހަމަލާ ދިނުމުގެ އެއްވެސް މައްސަލައެއް މިހާތަނަަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ އަމިއްލަ ގޮތުން ވާދަކުރައްވާ އިރު، އިއްޔެ ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަނޑުބުރިއެއް އެއްލާ އޭނާގެ މޫނު މަތީގައި ޖަހާ ހަމަލާދީފައި ވުމުން އޭނާގެ ސެކިއުރިޓީން އެ މީހާގެ ފޮޓޯއެއް ނަގާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިއަދު ފުލުހުން އެކަން ދޮގުކޮށް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މިހާތަނަށް އެފަދަ މައްސަލައެއްގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ނުވާ ކަމަށެވެ.
އުމަރު ނަސީރަށް މީހަކު ހަމަލާދިނުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްވެސް ވަނީ ގޮވާލައްވާފައެވެ. ކެންޑިޑޭޓުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ހަބީބް ވިދާޅުވެފައި ވަނީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ނައިބުންނަށް ސަލާމަތީ ކަންކަން ހަމަޖައްސާދޭން ވާނެ ކަމަށެވެ.
އަދި އެދުވަހުން ފެށިގެން އިންތިހާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވާ މީހާ އެމީހާގެ މަގާމާ ހަވާލުވަންދެން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ހަބީބްގެ ވިދާޅުވެފައި ވެއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާފައިވާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ގާނޫނު ލާޒިމް ކުރާކަން ހަބީބް ވަނީ ފާހަގަ ކުރައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންދާއިރު އިންތިހާބަށް ކުރިމަތިލި 8 ކެންޑިޑޭޓުންވެސް ފޯރިއާއެކު ދަނީ ކެމްޕެއިން ކުރަމުންނެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދުމަށް ގިނަ ވައުދުތަކެއް ކެންޑިޑޭޓުން ވަމުން ދާއިރު ހުރިހާ ކެންޑިޑޭޓުންވެސް ބުނަމުން ދަނީ އެއް ފަހަރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
2008 ވަނަ އަހަރަށްފަހު މިއީ ރިޔާސީ އިންތިހާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާ ފުރަތަމަ ފަހަރު ކަމަށް ވާއިރު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓަމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.