ރާއްޖޭގެ އެންމެ އުތުރަށް ވިޔަފާރީގެ އިންގިލާބެއް ގެންނާނެ ހަނިމާދޫ އެއާޕޯޓް، ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް ފައްކާކުރަމުން ދަނީ އާދަޔަ ހިލާފު ހަލުވި ސްޕީޑްގައެވެ.
އޮކްޓޯބަރު 22، 2022 ގައި އިންޑިއާގެ ޖޭއެމްސީން ހަވާލުވި މަޝްރޫއު ކުރިއަށް ގެންދާ އިރު މި ޕްރޮޖެކްޓުގެ މަސައްކަތްތައް ބަލާލަން އިއްޔެ ހަނިމާދުއަށް ދިޔަ ނޫސްވެރިންގެ ޓީމުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނެވެ.
ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ދިނުމަށް ޖޭއެމްސީގެ ޕްރޮޖެޓް ޓީމުން ތައްޔާރުވެފައި ތިބީ، ކޮންމެ ފަދަ ސުވާލެއް ކުރިމަތި ކުރިޔަސް ގުޑުގުޑު ނާޅާނެ ފެންވަރަށެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެހެން ބައެއް ޕްރޮޖެކްޓް ތަކާއި ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓާ ހާސްބައި ތަފާތެވެ. މަސައްކަތުގެ ސްޕީޑާއި މަސައްކަތް ކުރާ ގޮތާއި، ތައްޔާރީތައް ވެސް ތަފާތެވެ.
ޕްރޮޖެކްޓް ނިންމަން ޑެޑްލައިން އަކަށް އޮކްޓޯބަރު 21، 2024 ކަނޑައަޅާފައި އޮތް ނަމަވެސް މިހާރު ކުރިއަށް ދާ ސްޕީޑުގައި ކުރިއަށް އޮތް 6 ތެރޭގައި 2.4 ކިލޯމީޓަރު (2465 މީޓަރު) ދިގު، 45 މީޓަރު ފުޅާ ރަންވޭ ނިންމާނެ ކަމަށް ޖޭއެމްސީގެ ޕްރޮޖެކްޓް މެނޭޖަރު ބުންނެވެ.
ނޫސްވެރިންނަށް ފެނުނު މަންޒަރު
ނޫސްވެރިންގެ ޓީމު، ހަނިމާދޫގެ ބާ ރަންވޭއަށް ފޭބި އިރު، ކައިރިން ބާ ރަންވޭ މަތިން ހުރަހަށް ދާ ފުޅާ ރަންވޭ ފެންނަން އޮތެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ރަންވޭގެ 1.4 ކިލޯމީޓަރުގެ ސަރަހައްދު މިހާރު އޮތީ ތާރު އަޅާ ފައްކާކޮށް ހުޅުވަން ރެޑީވެފައެވެ. އެއާއެކު ރަންވޭގެ އަނެއްކޮޅުން ގުޅޭ 1.4 ކިލޯމީޓަރުގެ ބައިވެސް ތާރުއަޅާ ދަނީ ތައްޔާރު ކުރަމުންނެވެ.
ޖޭއެމްސީގެ އޮފިޝަލުން ބުނީ، އަންނަ މަސްތެރޭގައި މިހާރު ނިންމާފައި އޮތް ބައި ހުޅުވާލާނެ ކަމަށާއި، އެއާއެކު ދެން ބޯޓުތައް ޖައްސަން ފަށާނީ އެ ބަޔަަށް ކަމަށާއި ޕްލޭން ކޮށްފައި އޮތީ، އެހާ ހިސާބުން ބާ ރަންވޭ ބޭނުން ކުރުން ހުއްޓާލައި، އާ ރަންވޭ އާ ގުޅޭ ދެވަނަ ބައި ނިންމާ އަންނަ މަހު ހުޅުވާ ބަޔާ ގުޅާލަން ކަމަށެވެ.
އެ ފޭސްތަކުގެ މަސައްކަތް ނިމޭއިރު، އެއާއެކު އެކީގައިހެން ނިންމަން އަމާޒު ހިފާ، ރޮސްޓްރަމް އާއި ލޯންޖްތަކާއި ވޯކްވޭތަކާއި، ޕާކިން އާއި ހެނގަރާއި، ފިއުލްފާމާއި، އެހެނިހެން ސަޕޯޓް ސާވިސް އިމާރާތްތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.
ހުރިހާ މަސައްކަތެއް އެއްފަހަރާ ކީއްވެ؟
މަސައްކަތުގެ ސްޕިޑާއި ފެންވަރާއި އެކުއެކީގައި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ސަބަބު ހާމަ ކުރަމުން ޖޭއެމްސީ އާއި އެ އެއާޕޯޓް އޮޕަރޭޓް ކުރާ، ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލުން ބުނީ، ބޭނުމަކީ ހަމަ އެންމެ ބޭނުމެއް ކަމަށާއި އެއީ ތާވަލުގެ ކުރިން މަސައްކަތް ނިންމާ، މުޅި އެއާޕޯޓް ފުލް އޮޕަރޭޝަނަށް ގެނައުން ކަމަށެވެެ.
540 އަށް ވުރެ ގިނަ މުވައްޒަފުން މިހާރުވެސް ހުއްޓުމެއް ނެތި އެކި ސައިޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މަންޒަރު ހުރިހާ ނޫސްވެރިންނަށް ފެނިފައި ވާ އިރު، އެއީ މާސިންގާ ޕްރޮޖެކްޓެއް ނިންމަން ޓާގެޓެއް އޮވެގެން މަސައްކަތް ކުރާ ބައެއްކަން ޔަގީން ކުރެވުނެވެ. އަދި އެމީހުންގެ އަމާޒަކީ ދީފައި އޮތް ޑެޑްލައިންގެ ކުރިން ނިންމުން ކަމާއި، އެއީ ބޮޑުތިލަންދުންމައްޗަށް ހުޅުވިގެން ދާ އެ ގޭޓްވޭ [ވިޔަފާރީގެ މައި ދޮރާށި] އަވަހަށް ބޭނުން ކުރަން ފެށޭނެ އެއް ސަބަބުކަމަށް ވެސް އެމީހުން ދެކެއެވެ.
އާރުއޭސީއެލް ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު އިބްރާހިމް އިތުރަށް ވިދާޅުވީ، ރީޖަނަލް އެއާޕޯޓުގެ އަމާޒަކީ، ފުލް ފްލެޖް އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޝަންގެ ހުރިހާ ހިދުމަތެއް އެ ކުންފުނިން ދޭ ގޮތަށް ކުރިއަށް ގެންދިޔުން ކަމަށެވެ. އެގޮތުން ޖެޓް ފިއުލް އާއި، ފަޔާ ސާވިސް އާއި އަދި އެއާޕޯޓާ ގުޅިފައި ހުރި އެހެނިހެން ހިދުމަތްތައް އޭނާގެ ލިސްޓުގައި ފާހަގަ ކުރެއްވިއެވެ.
"ނަމަވެސް، ފްޑްކޯޓްތަކާއި، ކައުންޓަރުތަކާއި އެހެނިހެން އައުޓްސޯސް ކުރެވޭނެ ހުރިހާ ހިދުމަތެއް އައުޓްސޯސް ކުރާނަން، އެއީ ވިޔަފާރީގެ އުސޫލުން އާންމުންނަށް ލިބިގެންދާނެ ފަހި ފުރުސަތަކަށް ވާނެ" އޭނާ ވިދާޅުވިއެވެ.
ބޮޑު އެއާޕޯޓެއް ހެދީމައި ނިމުނީތަ، ހިދުމަތް ހޯދާ މީހުން ކޮބާ؟
ސީއޯއޯ އިބްރާހިމްގެ ކަންބޮޑުވުން ހިއްސާ ކުރައްވަމުން ވިދާޅުވީ، އެއާޕޯޓު ތައްޔާރު ކުރަނީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ނަމަވެސް، ހަނިމާދޫ ހިމެނޭހެން ބޮޑުތިލަދުންމަތީގައި އެ އަދަދަށް ހިދުމަތް ހޯދޭނެ ވަސީލަތްތައް އަދި ފުރިހަމަ ނުވާ ކަމަށެވެ.
ހިސާބުތައް ދައްކާ ގޮތުން ހއ އަދި ހދ އެއްކުރީމައި މިވަގުތާ ހަމައަށް ހުރީ 1005 ފަސް ބެޑް [ޓޫރިސްޓް އެނދު] އެވެ. އަދި ށ އަޮތޮޅު އެ ލިސްޓަށް ލީމައި ވެސް ވަނީ ޖުމްލަ 1724 ބެޑެވެ. މިއާއެކު ކުރިއަށް އަޮތް ދެތިން އަހަރުތެރޭ ނިމޭނެ ކަމަށް އަންދާޒާ ކުރެވޭ ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމަނައިގެން ވެސް ހަމަވަނީ، 3700 ބެޑެވެ.
ހަނިމާދޫ އެއާޕޯޓާއެކު ސަރުކާރުގެ އަމާޒަކީ ބޮޑުތިލަތުންމަތީގައި 8000 ބެޑް އުފެއްދުން ކަމަށް ވާއިރު، އެމަގަށް މިހާރުންސުރެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
ރާއްޖޭގެ އުތުގައި ހދ ކުޅުދުއްފުށީ އެއާޕޯޓާއި އަދި ރިޔާސީ ވައުދުގެ ތެރޭގައި ހިމެނިގެން ހއ ދިއްދޫގައި ހަދާ އެއާޕޯޓަކީވެސް ދަތުރުފަތުރުގެ ފަސޭހަތަކާއެކު ވިޔަފާރީގެ ފަހި ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަކަށް ވާއިރު، އުތުރަކީ އިންވެސްޓަރުންނަށް ފަހި ތަނަކަށް ވެސް ވާންޖެހެއެވެ. މިހާރު ބިމުކުލީގެ ގޮތުގައި ނަގާ ފީ ކުޑަކޮށްގެން ނަމަވެސް އަދި ޓެކްސް އަށް އިސްތިސްނާއެއް ދީގެން ނަމަވެސް، ނުވަތަ ކޮންސްޓްރަކްޝަން މުއްދަތާއެކު ހިންގުމަށް ވަކި މުއްދަތެއް ހިލޭ ކޮށްދީގެން ނަމަވެސް، ގިނަ އަދަދެއްގެ އިންވެސްޓަރުން ބޮޑުތިލަދުންމައްޗަށް ގެނައުމަށްޓަކައި ސިޔާސަތުތައް މުރާޖައާ ކުރަން ޖެހެއެވެ.
މާ ސިންގާ ބޮޑު ފެންވަރު ރަނގަޅު އެއާޕޯޓެއްގެ ބޭނުން ފުރިހަމަ އަށް ހިފުމަށްޓަކައި ށ އިން ފެށިގެން ހއ އާ ހަމައަށް ގަތާލެވޭ ވިޔަފާރީގެ ޗޭނެއް އުފަން ކުރަން ޖެހެއެވެ.
ބަނދަރެއް ކޮބާ ހުޅަނގު މޫސުމުގައި ޖެޓީ އައް ކައިރި ކޮއްގެން މީހުން ބޭލުމަކީ ރިސްކެއް