އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ .މުހައްމަދު މުއިއްޒު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މާދަމާ ހަވީރުގެ ވަގުތެއްގައި މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު ރޭގެ ވަގުތެއްގައި އޭނާގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވަނީ އައްޑޫ ސިޓީ އަށް ވަޑައިގެންފައެވެ.
ރޭ އައްޑޫ ސިޓީ އިން ސެމްބެއަށް ހޫނު މަރުހަބާއެއް ކިޔާފައި ވާއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މުއިއްޒަށް މަރުހަބާ ކިޔުމާ ކެމްޕެއިން އިވެންޓްތައް ކުރިއަށް ގެންދިއުމަށްވެސް ފޯރިއާ އެކު ތައްޔާރު ވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުގައި އެ ސިޓީގެ ހުރިހާ އަވަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު މި ދަތުރުގައި އެ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމާއި ކެމްޕެއިންގެ ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީއަށް މުއިއްޒު މާދަމާ ވަޑައިގަންނަވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން މި މަހުގެ 25 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.