މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ މާރިޔާ އަހްމަދު ދީދީ އަކީ މިހާރު ސިޔާސީ އެކްޓިވިސްޓަކަށް ވުރެ ކުރީގައި އުޅުއްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ނައިފަރު ދާއިރަގެ މެންބަރު އަހްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ލީޑާޝިޕް މެންބަރެއްގެ ގޮތުގައިވެސް ހިމެނިވަޑައިގަންނަވާ ޝިޔާމް މިގޮތަށް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދާ ދަތުރުގައި ކ. ގުރައިދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކުން މިހާރު ފެންނަމުން ދަނީ ފުޓްބޯޅަ ޓީމެއް ދަނޑުމަތީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އުޅޭގޮތުގެ މަންޒަރު ކަމަށެވެ. "ފުޓްބޯޅަ މެޗެއްގެ ފެންނާނެ ޑިފެންޑަރުން ގިނަ ފަހަރަށް ގޯލް ކީޕަރު ވެސް ގޯލްވެސް ދޫކޮށް ކުރިއަށް އަރާ ހުންނާނީ ޓީމު ބަލިވާތީ. ޓީމު ބަލިވާތީ ގޯލެއް ޖެހުމުގެ ބޭނުމުގައި ކުރިއަށް އަރާ ހުންނާނީ. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ އެ މަންޒަރުތަކެއްނޫންތޯ. މިއަދު މި ގައުމުގެ ޑިފެންސް މިނިސްޓަރަކީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ވުރެ އެކްޓިވިސްޓުކަން ގަދަ ބޭފުޅެއް" ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު މާރިޔާ ގެންދަވަނީ ޑިފެންސް މިނިސްޓަރުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ތަރުޖަމާނު ކަންވެސް ކުރައްވަމުންނެވެ.

މީގެ އިތުރުންވެސް ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ އަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، އިމްރާން ކޮޓަރިކޮޅުގައި އިންނަވާ ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގެންނެވުމުން އެ ބޭފުޅުންނަށް މައްލަވަ ކުރައްވާ ކަމަށާއި މިއީ މެޗަކުން ޓީމު ބަލިވާތީ ފެންނާނެ މަންޒަރުތައް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މި ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުންދާ ކަން ފާހަގަ ކުރައްވާ އިތުރަށް ޝިޔާމް ވިދާޅުވީ މީގެ ކުރިން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ވައުދުތައްވެސް ފަސް އަހަރުވެގެން ދިޔައިރު ފުއްދިފައި ނުވާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވާ ކުރެއްވި މަސައްކަތުގެ 35 ޕަސެންޓުވެސް މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ކުރެވިފައި ނުވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ހަމައެކަނި ލިބުނީ ނިކަމެތިކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންދާއިރު އިންތިހާބަށް ކުރިމަތިލި 8 ކެންޑިޑޭޓުންވެސް ފޯރިއާއެކު ދަނީ ކެމްޕެއިން ކުރަމުންނެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދުމަށް ގިނަ ވައުދުތަކެއް ކެންޑިޑޭޓުން ވަމުން ދާއިރު ހުރިހާ ކެންޑިޑޭޓުންވެސް ބުނަމުން ދަނީ އެއް ފަހަރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

2008 ވަނަ އަހަރަށްފަހު މިއީ ރިޔާސީ އިންތިހާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާ ފުރަތަމަ ފަހަރު ކަމަށް ވާއިރު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓަމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.