އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް އެ ރަށުގައި ހިނގި ސިޔާސީ ހަމަނުޖެހުމާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ގުރައިދޫގައި ދެ ބައެއްގެ ދެމެދުގައި މިއަދު ހިނގި ހަމަ ނުޖެހުމުގައި ބަޔަކަށް އަނިޔާވެފައިވެފައިވާ ކަމަށާއި އެ ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

މިއަދު ހިނގި ހަމަނުޖެހުމާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ އެކަމަކީ ފުލުހުންގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ހިންގަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރު ރިޕޯޓްކުރި ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ފުލުހުންނަށް އެމްޑީޕީއިން އެފަދަ ކަމެއް ކުރަން އުޅޭކަން ރިޕޯޓުކުރުމުން އެތަނަށް ފޮނުވާފައިވަނީ އަލަށް ވަތް ދެތިން ފުލުހެއް ކަމަށެވެ. އެހެންކަމުން ދެބައި މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިންގީ ފުލުހުން ކަމަށް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގުރައިދޫ ބަނދަރުން ޑރ. މުއިއްޒުގެ އަނބިކަނބަލުން ދަތުރުކުރެއްވި ލޯންޗަށް އަރާ ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.