އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް އެ ރަށުގައި ސިޔާސީ ހަމަނުޖެހުމެއް ހިނގައިފިއެވެ.

އެކަން އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު "ދަ ޕްރެސް" އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ނުރުހުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވީ އެކަމަކީ ފުލުހުންގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ހިންގަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރު ރިޕޯޓްކުރި ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ފުލުހުންނަށް އެމްޑީޕީއިން އެފަދަ ކަމެއް ކުރަން އުޅޭކަން ރިޕޯޓުކުރުމުން އެތަނަށް ފޮނުވާފައިވަނީ އަލަށް ވަތް ދެތިން ފުލުހެއް ކަމަށެވެ. އެހެންކަމުން ދެބައި މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިންގީ ފުލުހުން ކަމަށް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެެ.

ޔާމީން އިތުރަށް ވިދާޅުވީ މިހާތަނަށް މީހަކަށް އަނިޔާވި ކަމެއް އަދި ހައްޔަރު ކުރި ކަމެއް ޔާމީން ނުވާ ކަމަށާއި އެ ހަމަ ނުޖެހުން އަދިވެސް ހަމައަކަށް އެޅިފައިނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުމުގައި އެކަކަށް ވަނީ އަނިޔާވެފައެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގުރައިދޫ ބަނދަރުން ޑރ. މުއިއްޒުގެ އަނބިކަނބަލުން ދަތުރުކުރެއްވި ލޯންޗަށް އަރާ ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.

މި ހަމަނުޖެހުން ހިނގަމުންދިޔަ ނަމަވެސް ވ އަތޮޅުގެ ދަތުރު ނިންމާލުމަށްފަހު ޑރ. މުއިއްޒު މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ގުރައިދޫއަށެވެ. އަދި މިރޭ 9 ޖަހާއިރު އެ ރަށުގައި ޖަލްސާ ބާއްވަން ވަނީ ނިންމާފައެވެ.