ރާއްޖޭގައި ކަންބޮޑުނުވާ އެއްކަމެއް ވެސް ނުފެންނަ ކަމަށާއި ކޮންމެ އަޑެއް ކަންފަތައް އިވިގެންދަނީ ބިރުވެރި އަޑެއްގެ ގޮތުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މ. މުލަކުގައި ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ކޮންމެ އަޑެއް ކަންފަތައް އިވިގެންދަނީ ބިރުވެރި އަޑެއްގެ ގޮތުގައި ކަމަށާއި ކޮންމެ މަންޒަރެއް ވެސް ލޮލަށް ފެންނަނީ ބިރުވެރި މަންޒަރެއްގެ ގޮތުގައި ކަމަށެވެ. އެއީ މިއަދު ދިވެހި ގައުމުގެ ހާލަތު އޮތްގޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެކަން ހައްލުކޮށްދެވޭ ވަރުގެ ތަޖުރިބާކާރު ބޭފުޅަކު ވެރިކަމަށް ގެންނަން އެބަޖެހޭ ކަމަށާއި އެހެން ކެންޑިޑޭޓުންނާއި އަޅާ ކިޔޭވަރަށް ވުރެ ޕީއެންސީ ކެނޑިޑޭޓްގެ ބުރަދަން ބޮޑުކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ހިޔާލެއް ފިކުރެއް ކުރާނެ ކަމެއް ނެތް ކަމަށާއި ވޯޓު ކަރުދާސް އަތުގައި ޖެހުމާއެކު ކެންޑިޑޭޓް ނަންބަރު ހަތަރެއްގައި ފާހަގަޖެހުމަށްފަހު ގެއަށް ދިއުމަށް އެދިވަޑައިގެންފައެވެ.
ތަރައްގީއަކީ ކޮން އެއްޗެއްކަން ދަންނަ ހަމައެކަނި ބަޔަކީ ޕީޕީއެމް-ޕީއެންސީ ކޯލިޝަން ކަމަށް ވެސް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ. އަދުރޭ ވިދާޅުވީ، އެ ޕާޓީން ވެރިކަން ހޯދުމަށް ނިކުންނަނީ ރައީސް ސޯލިހް ނުވަތަ ގާސިމް އިބްރާހިމްއާއި ވާދަކުރާކަށް ނޫން ކަމަށާއި އިންތިހާބަށް ނިކުންނަނީ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ވާދަކޮށް އެ މައްސަލަތަކަށް ހައްލު ހޯދައިދޭން ކަމަށެވެ.
އަދުރޭ ވަނީ، މުއިއްޒަކީ "ބޯވައެއް" ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. އަދުރޭ ވިދާޅުވީ މާރިޔާ އަށް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނުލާ އަވަހާރަފުޅުފުޅު ނުލެއްވެޕޭ ކަމަށާއި ރައީސް ސޯލިހާއެކު މާރިޔާ މިއަދު ހުންނެވީ މަގާމުގެ ދިފާއުގައި ކަމަށެވެ.
މާރިޔާ އަށް ވުރެ ބޮޑު "ބޯވައެއް" ނެތް ކަމަށާއި މުއިއްޒަކީ ފެށުނީއްސުރެ ވެސް ގައުމީ ފިކުރުގެ ބޭފުޅެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.