ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދޭ އަދި ނުބައި މަރަކުން މަރުވުމުން ދުރުކޮށްދޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ރަހިމުގެ ގުޅުން ދެމެހެއްޓުން" މި މައުޟޫއަށެވެ.

ހުކުރު ހުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށާއި އެއީ މާތް ﷲގެ ހަޟްރަތަށް ތިމާ ކުއްތަން ކޮށްދޭނޭ ހެޔޮ އަމަލެއް ކަމަށެވެ. އަދި އެއީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް ﷲ ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ރަހިމުގެ ގޮތުން ގުޅިފައިވާ މީހުންނަށް ޒިޔާރަތް ކުރުމާއި ބަލިވުމުން ގޮވާލަން ދިޔުން ބައެއް މީހުން، ދަރިންނަށް މަނާ ކުރާކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއީ މައިންބަފައިން އެމީހުންގެ ދަރިންނަށް ގުޅުން ކެނޑުމަށް ގޮވާލާ ގޮވާލުމެއް ކަމަށެވެ. އަދި އެއީ ހިތާމަ ހުރި ކަމެއް ކަމުގައެވެ.

ނަސަބު ދަސްކުރުމަށް ރަސޫލާ އަންގަވާފައި ވާއިރު ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އަތްމަތި ތަނަވަސްކޮށްދީ ރިޒުގު އިތުރު ކޮށްދޭނެ ކަމެއް ކަމަށް ރަސޫލާ ހަދީސް ކުރައްވާފައި ވެއެވެ. ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައި ވެސް އުގޫބާތް ލިބޭނެ ކަމަށް ވެސް ރަސޫލާ ހަދީސް ކުރައްވާފައި ވެއެވެ.

އަމްރު ބުން ދީނާރު ވިދާޅުވެފައި ވަނީ ފަރުޟެއް އަދާކުރުމަށްފަހު ކުރެވޭ އެންމެ ބޮޑު ހެޔޮ ކަމަކީ ރަހިމުގެ ގުޅުން ދެމެހެއްޓުން ކަމަށެވެ. އަދި ކީރިތި ގުރުއާނުގެ ބަސްފުޅުތަކުގައި މާތް ﷲއަށް އަޅުކަން ކުރުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުން އެކުއެކީގައި ގެންނަވާފައި ވުމުން ވެސް ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިއްމުކަން ބޮޑުކަން ހާމަވެގެންދާކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ރަހިމުގެ ގުޅުން އޮތް މީހަކަށްދޭ ސަދަގާތަކީ 2 ސަދަގާތް ކަމަށް ރަސޫލާ ހަދީތް ކުރެއްވުމުގެ އިތުރުން މައިންބަފައިން ދުނިޔެ ދޫކޮށް ދިއުމަށް ފަހުގައި ވެސް އެމީހުންނަށް ހެޔޮ ދުއާ ކުރުމާއި އެމީހުންގެ ގާތްތިމާގެ މީހުންނަށާއި ރަހްމަތްތެރިންނާ ގުޅުން ދެމެހެއްޓުމަށް ރަސޫލާ އަންގަވާފައި ވާކަމަވެސް ބުނެފައި ވެއެވެ.