ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތު ކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އެ މައްސަލާގައި އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.

ގައްބަރޭ ހައްޔަރު ކޮށްފައި ވާއިރު މީގެކުރިން އޭނާ ބަންދު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ގައްބަރޭ އާއި އެ މައްސަލައިގައި ދެން ތިބި ދެ މީހުންވެސް ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރުކުރާނެ ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

މި މައްސަލާގައި ފުލުހުން ހައި ކޯޓުގައި ބުނެފައި ވަނީ ގައްބަރޭއާ ދެކޮޅަށް ޒަރީރު، ފުރަތަމަ ބަޔާން ދެއްވިނަމަވެސް ހަމަލާދިނީ ގައްބަރޭ ކަން ޔަގީންނުވާ ކަމަށް ފަހުން ޒަރީރު ތަހުގީގަށް ބަޔާނެއް ދެއްވި ކަމަށެވެ.

ޒަރީރަށް ހަމަލަދިނުމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ ގައްބަރޭ ހޯދުމަށް ފުލުހުން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އިއުލާނުކޮށް އޭނާ ހޯދަމުންދާތާ 8 ދުވަސް ފަހުން އޭނާ ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެފައެވެ.

ކެފޭއެއްގެ ތެރޭގައި މެންބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައި ވަނިކޮށް ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ކޯޓުން ދޫކޮށްލީއެވެ. ޖުލައި 6 ވަނަ ދުވަހު ގައްބަރޭ ދޫކޮށްލުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖުލައި 9 ވަނަ ދުވަހުއެވެ.

މާލޭގެ ހަބީބީ ކެފޭގައި ރައްޓެހިންތަކަކާ އެކީގައި މެންބަރު ޒަރީރު އިންނަވަނިކޮށް، ފަސް މީހުންގެ ގްރޫޕަކުން އެ ކެެފޭއަށް ވަދެ ޒަރީރަށް ހަމަލަދީފައި ވަނީ މެއި މަހުގެ ފުރަތަމަ ދުވަހުގައެވެ. ފުލުހުން އޭރު ބުނީ، ޒަރީރަށް ހަމަލާ ދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ބެލެވޭ އެއްޗަކުން ކަމަށާއި އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދަވާފައި ވާ ކަމަށެވެ.

ކުށުގެ ރެކޯޑު އޮންނަ ގައްބަރޭ ވަނީ މީގެ ކުރިން މީހަކު މަރާލުމުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައެވެ. އެކަމުގައި ބައިވެރިވި ކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، ކޯޓުން އެ ފަހަރު ވެސް އޭނާ ވަނީ ދޫކޮށްލާފައެވެ.