"ބިންވެރިޔާ ސްކީމް" ގެ ދަށުން މާލެއިން ބަންޑާރަ ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ދާއިމީ ލިސްޓްގެ ގުރުއަތު ލުމުގައި ގުރުއަތު ނަގާ 8 ކެޓަގަރީގެ ތެރެއިން 3 ކެޓަގަރީއެއްގެ ގުރުއަތުލުން ނިމިއްޖެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބިންވެރިޔާ ސްކީމްގެ ގުރުއަތުލުން ފަށާފައި ވަނީ ގަލޮޅު ފުޓްބޯޅަ ދަނޑުގައި މި މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހަށް ފަހު ކޮންމެ ދުވަހަކު ގުރުއަތުލުން ކުރިއަށް ގެންދާ އިރު މިހާތަނަށް ގުރުއަތުލާ 8 ކެޓަގަރީގެ ތެރެއިން 3 ކެޓަގަރީއެއްގެ ގުރުއަތުލުން ނިންމާލާފައިވާ އިރު އެއީ 4 މީހުންނާއި، 6 މީހުންނާއި 7 މީހުން އެކުވެގެން ފޯމް ލާފައިވާ ކެޓަގަރީތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި މި ތިން ކެޓަގަރޫއަކީ ހުޅުމާލެއާއި ގުޅީފަޅުން ގޯތި ދޫކުރާ ކެޓަގަރީތަކެވެ.

ދާއިމީ ލިސްޓުގައި މިބުރު ގުރުއަތުލާ ފަރާތްތަކުގެ ތެރެއިން 4 މީހުން އެކުވެގެން ގޯތި ހޯދަން ހުށަހަޅާފައި ވަނީ ޖުމްލަ 656 ފޯމެވެ. އޭގެ ތެރެއިން ހުޅުމާލެއިން 2450 އަކަފޫޓިގެ 180 ގޯތި ދޫކުރަން ހަމަޖެހިފައިވާ އިރު، ގުޅީފަޅުން ދޫކުރަން ހަމަޖެހިފައި ވަނީ، 2450 އަކަފޫޓުގެ 476 ގޯއްޗެވެ.

ގޯތީގެ ގުރުލުން ނިންމާލާފައިވާ ދެވަނަ ކެޓަގަރީ، 6 މީހުން އެކުވެގެން ހުށަހެޅި ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 3250 އަކަފޫޓުގެ ގޯއްޗެވެ. މި ބުރުގައި 109 ފަރާތަކަށް މި ކެޓަގަރީން ގޯތި ދޫކުރަން ހަމަޖެހިފައިވާ އިރު، ހުޅުމާލެއިން 60 ގޯތި އަދި ގުޅީފަޅުން ދޭން ނިންމާފައި ވަނީ 49 ގޯއްޗެވެ. މީގެ އިތުރުން 7 މީހުން އެކުވެގެން ފޯމް ހުށަހެޅި ފަރާތްތަކަށް ދޫކުރާ 3650 އަކަފޫޓުގެ ގޯއްޗަށް މި ބުރުގައި ގުރުއަތުލަނީ ޖުމްލަ 53 ފަރާތެކެވެ. އެއީ ހުޅުމާލެއިން 31 ދޫކުރާ 31 ގޯއްޗާއި ގުޅީފަލޫން ދޫކުރަން ނިންމީ 22 ގޯއްޗެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

3 ކެޓަގަރީއެއްގެ ގޯތީގެ ގުރުއަތުލުން ނިންމާލާފައިވާ އިރު، ދެން ބާކީ ކުރިއަށް ދަނީ 5 ކެޓަގަރީގެ ގޯޓީގެ ގުރުއަތުލުމެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މި 5 ކެޓަގަރީތަކުގެ ގުރުއަތުލުން ކުރިއަށް އޮތް 5 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށެވެ. އަދި ގުރުއަތުލުން ނިމުމުން ގޯތު ކެނޑުން ފަށާނެ ކަމަށެވެ. ނަމަވެސް އަދި ގޯތި ކަނޑަން ފަށާނެ ސީދާ ތާރީހެއް ނުދެއެވެ.