ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލި ފުރުސަތުގައި އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރު ފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީން ގޯތި ދޫކުރުމަސް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުގެ ގެޒެޓުގައި އަދި ކައުންސިލް އިދާރާގެ ވެބްސައިޓްގައި ޝާއިއުކޮށް، އަވަށު އޮފީސްތަކާއި އެ އިދާރާގެ ނޯޓިސް ބޯޑުގައި ވެސް ބެހެއްޓިފައި ވާނެ ކަމަށެވެ.

ކައުންސިލުން ނިންމާފައި ވަނީ ބޯހިޔާވަހިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދިނުމަށް ކަމަށް ވާ އިރު ދާއިމީ ލިސްޓް އިއުލާން ކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އެހެންކަމުން ފޯމުގައި ދީފައިވާ މައުލޫމާތު ކަށަވަރުކުރުމަށް އެ އިދާރާގެ އަވަށު އޮފީސްތަކުން ކުރަމުން ގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަސް ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު އާންމު ކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ހުޅުވާލާފައެވެ.

އައްޑޫ ސިޓީ އިން 1000 ގޯތި ދޫކުރަން ސިޓީ ކައުންސިލުން އިއުލާން ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އައްޑޫއިން ދޫކުރަން އިއުލާން ކުރި 1،000 ގޯތީގެ ތެރޭގައި ހިމެނެނީ ހިތަދޫން 500 ގޯތި، ފޭދޫ އިން 300 ގޯތި އަދި ހުޅުދޫ މީދޫ އިން 200 ގޯއްޗެވެ. ހިތަދޫ އާއި ފޭދޫން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ. އަދި ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ.

އައްޑޫ ސިޓީ ކައުންސިލުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 4160 ފަރާތަކުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައި ވާއިރު 3972 މީހުން ޝަރުތު ހަމަވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.