ރާއްޖޭގެ 24 ރަށެއްގައި ސޯލާ ހަކަތައަށް ހާއްސަ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް އެންވާރަމަންޓް މިނިސްޓްރީއާއި ކޮންޓްރެކްޓާއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ހިންގާ އެކްސެލެރޭޓިންގް ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ހިންގާ ބިޔަ މަޝްރޫއެކެވެ.
ސޯލާ ސިސްޓަމް ގާއިމު ކުރުމަށް ނިންމާފައިވާ ރަށްތަކަކީ:
- ސ. ހިތަދޫ
- ސ. ފޭދޫ
- ސ. މަރަދޫ ފޭދޫ
- ސ. މަރަދޫ
- ސ. ހުޅުދޫ
- ސ. މީދޫ
- ފުވައްމުލައް ސިޓީ
- ކުޅުދުއްފުށީ ސިޓީ
- ގދ. ތިނަދޫ
- ބ. އޭދަފުށީ
- ޅ. ހިންނަވަރު
- ޅ. ނައިފަރު
- ގއ. ވިލިނގިލި
- ށ. ފުނަދޫ
- ލ. ފޮނަދޫ
- ލ. ގަން
- ލ. ދަނބިދޫ
- ލ. އިސްދޫ
- ލ. ކަލައިދޫ
- ލ. މާބައިދޫ
- ލ. މާމެންދޫ
- ލ. ކުނަހަންދޫ
- ލ. ހިތަދޫ
- ލ. މާވަށް
މި މަޝްރޫއުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވޭނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތަ، އެރަށެއްގެ ޑިމާންޑް ގެ ނިސްބަތުން ޖުމުލަ 30 ޕަސެންޓަށް ވުރެން މައްޗަށް ދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
40 މެގޮވޮޓްގެ އިތުރުންވެސް 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވެސް ވަނީ ރާވާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް ނިންމާފައި ވެއެވެ.
މި މަޝްރޫއުގައި ސޮއި ކުރުމަށް އިސްލާމީ މަރުކަރުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖާ ވަންގް ޕެއިޓާއޮއެވެ.
މިފަދަ މަޝްރޫޢއުތައް ހިންގުމުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހަކަތައިގެ ދާއިރާއަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާއިރު ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުން ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.