މި ސަރުކާރުން ދ. މާއެނބޫދޫގެ ބިން ހިއްކައިދޭން ބުނެފައިވާ އަދުގެ ދެގުނައަށް އިތުރުކޮށް ހިއްކައިދޭނަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ޑރ. މުއިއްޒު ދ. ކުޑަހުވަދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަނީ އެ ރަށާ ޖެހިގެން ކައިރީގައި އޮތް މާއެނބޫދޫ ބިން ހިއްކައި ދިނުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން ބިމުގެ ދަތިކަން އޮތް މާއެނބޫދުއަށް ބިން ހިއްކައިދޭނެ ކަމަށް މި ސަރުކާރުން ބުނެފައި ވަނީ ދުރުރާސްތާއަށް ބެލުމެއް ނެތި، ކުރިއަށް އޮތް 5 ވަރަކަށް އަހަރަށް ވިސްނާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރަށްރަށަށް ތަރައްގީ ގެނައުމަށް ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަންވާނީ ކައިރި މުސްތަގްބަލަކަށް ބަލާފައި ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މާއެނބޫދުއަށް 30 ހެކްޓަރުގެ ބިމެއް ހިއްކައިދެއްވާނެ ކަމަށާއި މި ސަރުކާރުން ހިއްކަން ބުނި 15 ހެކްޓަރަކީ މާ ކުޑަ އަދަދެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި 30 ހެކްޓަރު ބިން ހިއްކުމަކީ ކުރިއަށް އޮތް 15 ވަރަކަށް އަހަރަށް ބަލާފައި ގެނެސްދޭ ތަރައްގީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވާ އިރު، ރިޔާސީ ކެމްޕެއިންނަށް ދ. މާއެނބޫދުއަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެން މި މަހުގެ 7 ވަނަ ދުވަހު ވަނީ މާއެނބޫދޫގރ ބިން ހިއްކުމުގެ މަޝްރޫއުއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެ ގޮތުން އެ މަޝްރޫއު ވަނީ ބަޖެޓްކޮށް، ޓެންޑާ ޕްރޮސެސް ނިމި، ކޮންޓްރެކްޓަރާ ހަވާލުކޮށްފައި ވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ކުރިން ފެށޭ ހިސާބަށް ދާނެ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވިއެވެ.