"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓްގެ ގުރުއަތު ނެގަން ހަނަޖެހިފައި ތަންތަނުގެ ތެރެއިން ހެންވޭރު ދަނޑު ކެންސަލް ކޮށް، ގުރުއަތުލުން ގަލޮޅު ދަނޑޫގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ގުރުއަތުލުން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ކުރިން ބުނެފައި ވަނީ މި މަހުގެ 15 އަދި 16 ގައި ގުރުއަތު ލުން އޮންނާނީ ގަލޮޅު ދަނޑުގައި ކަމަށާއި 17 އިން ފެށިގެން ގުރުއަތުލުން އޮންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދެން ގުރުއަތުލުން ކުރިއަށް ދާނީ ހަމައެކަނި ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކަމަށެވެ. ވީމާ ކޮންމެ ފަރާތަކުން ވެސް "ގެދޮރުވެރިން ޕޯޓަލް" އަށް ލޮގިން ވެފައި ގުރުއަތު ނެގުމަށް އަންނަން ޖެހޭ ގަޑި ބަލައި، ފޯމުގެ ބައިވެރިންގެ ތެރެއިން އެކަކު ނުވަތަ ފޯމްގައިވާ ފަރާތްތަކުން ކަނޑައަޅާ ފަރާތެއް ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑިއަށް ގަލޮޅު ދަނޑަށް އައުމަށް އެދޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ދީފައިވާ ވަގުތަށް ގުރުއަތު ނަގަން ނުދެވިއްޖެ ނަމަ، ގުރުއަތު ނަގާނީ މިނިސްޓްރީން ކަނޑައަޅާފައިވާ މީހެއް ކަމަށް ވެސް ބުނެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.