ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އަތުލައިގަންފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ބޯޓު ފެނިގެން ރިޕޯޓުކޮށްފައި ވަނީ ހއ. ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މި ބޯޓުގައި ހަތް މީހަކު ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓު މަސްވެރިކަން ކުރަމުން ދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައި ވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "ދުރުރާސްތާ 10'' ދޯނިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ބޯޓު މިހާރު ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދާފައިވާ ކަމަށާއި އަދި މި ބޯޓު މާލެ ގެނައުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަސް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ. އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.

ދާދި ފަހުން ފިިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ރާއްޖޭގެ ކަނޑުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރު ގައުމުތަކުގެ އުޅަނދުފަހަރު ދެ މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާ ދެމެދު ޖޫރިމަނާކުރާ ގޮތަށް، މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވައިދެއް ވެސް ވަނީ ތަސްދީގު ކޮށްފައެވެ.

ބޭރުގެ މަސް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަދެ، ހުރަސްކުރެވޭނީ މިނިސްޓްރީގެ ހުއްދަ އާއި އެކުގައި ކަމަށާއި، ހުއްދަ އާއި ނުލާ އެތެރެވާ އުޅަނދުފަހަރު ޗެކްކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.