ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވ. އާރަށް ކުއްޔަށް ހޯއްދަވަން އުޅުއްވި ކަން ކުރިން އެނގިވަޑައިގެންފައި ނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނުގެ ފަރާތްޕުޅުން ވ، އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި މިއަދު ވާހަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ، އޭރު ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅުއްވާ ކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އަދި ރަށްތަކާއި ފަޅުތައް ދޫކުރަނީ އަދި ލިބެނީ ކޮން ބަޔަކަށްތޯ ވެސް ރައީސް އޮފީހުން ނުބަލާނެ ކަމަށެވެ. އެކަން ކުރާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ޔާމީން ވިދާޅުވިއެވެ.

"ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން ރަސްމީކޮށް ނުރަސްމީކޮށް ވެސް ރައީސް އޮފީހަށް ލިޔެފައެއް ނުވާނެ. އަދި އަޅުގަނޑަށް ފޮނުވި އެސްއެމްއެސްއެއް ވެސް ނޯންނާނެ."
ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އާރަށް އޮއްވާ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އެރަށް ބަދަލުކުރަން އެމަނިކުފާނު ހުއްދަ ދެއްވި ލިޔުމެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެކަން ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމަށް އިކޮނޮމިކް ކައުންސިލުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ކޮންމެ ސިޓީއެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ލިޔެފައި އޮތަސް، އޭގެ މާނައަކީ ރައީސްގެ ހުއްދަ ލިބިގެން އެކަން ނިންމެވި ކަމުގެ ހެއްކެއް ނޫން ކަމަށާއި ރައީސް އޮފީހުން އަބަދުވެސް ފޮނުވާ ސިޓީތަކުގައި ރައީސަށް އެންގުމެއް ނެތި އެކަމަކު ރައީސްގެ ނަމުގައި ސިޓީ ފޮނުވާފައި ހުންނާނެ ކަމަށެވެ. އެކަމުގެ ހެކި ދަށު ކޯޓަށް ހުށަހަޅާފައި ހުންނާނެ ވެސް ޔާމީން ވިދާޅުވިއެވެ.

ޔޫސުފް ނައީމް ރަސްމީކޮށް އަދި ނުރަސްމީކޮށް އާރަށް ބޭނުންވެގެން ރައީސް އޮފީހަށް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށާއި އަދި އެސްއެމްއެސް އިން ވެސް އެފަދަ ކަމަކާ ގުލޭ ގޮތުން މުއާމަލާތް ކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގަތް ފައިސާއާ ބެހޭގޮތުން ޔާމީން ވިދާޅުވީ، އެ ފައިސާ އަކީ ސިޔާސީ ކެމްޕެއިނަށް ފައިސާ ހޯދަން ހިންގެވި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. އަދި ޔޫސުފް ނައީމްގެ އަތުން ޑޮލަރު ބައްލަވައިގަތީ އެހެން މީހުންގެ އަތުން ޑޮލަރު ލިބިވަޑައިގަންނަވާ ގޮތް ނުވުމުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، ކެމްޕެއިނަށް ފައިސާ ހޯއްދަވާ އިރު އެ ފައިސާ އަކީ ހަމައެކަނި ޕާޓީގެ އެކައުންޓަށް ވަންނަން ޖެހޭ ފައިސާ ނޫން ކަމަށެވެ. އަމިއްލަފުޅަށް ވެސް ކެމްޕެއިންނަށް ފައިސާ ހޯއްދަވާނެ ކަމަށާއި އެހެންކަމުން އަމިއްލަފުޅު އެކައުންޓަށް އެ ފައިސާ ޖަމާ ކުރެއްވީ ކަމަށް ވިދާޅުވިއެވެ.

އެ ފައިސާއާ ގުޅޭގޮތުން ބޭންކަށް އެމަނިކުފާނު ފޮނުއްވި ކަމަށް ބުނެ ދައުލަތުން ހުށަހެޅި ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރު ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ ޓައިޕްކޮށްފައި އޮތް ސިޓީއެއްގައި އަތު ލިޔުމެއް އޮތްއިރު އެއީ އެމަނިކުފާނުގެ އަތު ލިޔުމެއްކަން ކަށަވަރުކުރަން ސާމްޕަލެއް ފުލުހުން ނުނަގާ ކަމަށާއި އެއީ އެޗްއެސްބީސީއަށް ފޮނުއްވި ލިޔުމެއް ކަމަށް ބުނާއިރު އެ ބޭންކް މިހާރު ބަންދުކޮށްފައި ހުރުމުން އެކަން ކަށަވަރުކުރަން ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ދަށު ކޯޓްގެ ހުކުމްގައި ވެއެވެ.

އާރަށް މައްސަލާގައި ރައީސް ޔާމީން އަށް ހުކުމް ކުރީ ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ގަބޫލު ކުރެއްވިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މިއަދު ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ޔާމީންގެ ފަރާތުން ރައްދު ދިނުމުގެ ބައި ނިންމާލާފައެވެ. ދެން އޮންނާނީ ދައުލަތުން އެ ވާހަކަތަކަށް ޖަވާބު ދިނުމުގެ ބައެވެ.