މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް މި ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ގުރު ނަގަން ފަށައިފިއެވެ.

މި ސްކީމްގެ ދަށުން ޝަރުތު ހަމަވާ ޖުމްލަ 18،948 ފަރާތަކަށް ބަންޑާރަ ގޯތި ދިނުމަށް ނިންމާ، ދާއިމީ ލިސްޓު އާންމު ކޮށްފައި ވަނީ އިއްޔެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކަށް ލިބުނު ގޯތި ލިބޭތަން ކަނޑައެޅުމަށް ގުރު ނެގުމުގެ ފުރަތަމަ ބުރު މިއަދު 11:00 ފެށިގެން ކުރިއަށް ދާއިރު ގޯތިވެރިންގެ މޫނު މަތިން ފެންނަމުން ދަނީ އުފާވެރި ކަމާއި ހިނިތުން ވުމެވެ.

ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެނީ އެތަނުން 18،948 ފަރާތަކަށެވެ. އަދި ބާކީ 684 އެ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވީ ނަމަވެސް އެކަމަށް އަދި ބިން ބޭނުން ވެއެވެ. ދާއިމީ ލިސްޓް ރޭ އާންމު ކޮށްފައި ވަނީ ޝަކުވާ ހުށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހުއެވެ.

'ބިންވެެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުމުގެ ތެރެއިން / ފޮޓ: އިޔާދު، ދަ ޕްރެސް

މިއަދާއި މާދަމާގެ ގުރުއަތުލުން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ހުރި ދުވަސްތަކުގައި ގުރުއަތު ނެގުން އޮންނާނީ ހެންވޭރު ދަނޑުގައި ކަމަށް ޕަލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. ގޯތި ލިބޭ ތަނެއް ކަނޑައަޅަން ގުރު ނަގަން ދާން ޖެހޭ ދުވަހާއި ވަގުތު ހައުސިން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.

މީގެ އިތުރުން، ގޯތި ލިބޭ ފަރާތް ނޫން އެހެން ފަރާތެއް ގުރުއަތު ނަގަން ފޮނުވާ ނަމަ، އެމީހެއްގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ގުރުއަތު ނަގަން ދީފައިވާ ވަގުތަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ބުނެފައި ވެއެވެ. އަދި ދީފައިވާ ވަގުތަށް ގުރުއަތު ނަގަން ނުދެވިއްޖެ ނަމަ، ގުރުއަތު ނަގާނީ މިނިސްޓްރީން ކަނޑައަޅާފައިވާ މީހެއް ކަމަށް ވެސް ބުނެއެވެ.