މިހާރަކަށް އައިސް ފުލުހުންނަށް ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތައް ހުށަހަޅާ ނިސްބަތް އިތުރުވުމުން ދާތީ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުންދާ ސްކޭމް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތެއް ކަމަށާ މިފަދަ މައްސަލަތައް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހެޅެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިފަދަ ސްކޭމްތައް އާންމު ގޮތެއްގައި ފެށެނީ އޮންލައިން ކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ޑޭޓިން ޕްލެޓްފޯމްތަކާ މީސް މީޑިއާގެ އެކި މަންސަތަކާއި އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށް މިކަން ފެށިގެންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ދުރު ގައުމުތަކުން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދާކަމަށް ފުލުހުން ބުނެފައެވެ. އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ މީހުން ބޭނުންކުރަމުންދާ 'އުކުޅު'ތަކާ ގުޅޭ ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ އެފަދަ މީހުން ވަގަށް ނަގާފައިވާ ފޮޓޯތަކާ، ފިކްޝަނަލް ނަންތަކާ، އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން ސްކޭމްކުރާ މީހުން މަޖުބޫރު އަދި ހިތްގައިމު ޕްރޮފައިލްތައް އުފައްދާކަމަށެވެ. އަދި ގިނަފަހަރަށް އެ މީހުންނަކީ ހިތްގައިމު، ކާމިޔާބު ބައެއްގެ ގޮތުގައި ސިފަކުރަނީ އެމީހުންގެ އަމާޒަށް މަގުފަހިކުރުމަށް ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ސްކޭމްތައް ހިންގާ މީހުން އެހެން މީހުންގެ އިތުބާރު ހޯދުމަށް ކުރާ ކަންތައްތަވެސް ފުލުހުން ވަނީ ތަފްސީލުކޮށްދީފައެވެ. މި ގޮތުން ސްކޭމްކުރާ މީހާ ޕޮޓެންޝަލް ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރެއެވެ. އަދި ވިކްޓިމްގެ އިތުބާރާ އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާލި ބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތަކުންނެވެ. މީގެ އިތުރުން އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ، އޭގެ ބޭނުން ނަހަމަގޮތުގައި ހިފަމުން ދެއެވެ.
މިފަދަ ސްކޭމްތައް ހިންގާ މީހުން އަމަލުކޮށްފާނެ އިތުރު ގޮތްތައްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ގޮތުން
- ގުޅުން ކުރިއަށްދާ ވަރަކަށް ހިޔާނާތްތެރިން މަސައްކަތްކުރަނީ އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާ އާއިލާއާ އެކަހެރި ކުރުމަށެވެ. ގިނަ ފަހަރަށް އަނިޔާލިބޭ މީހުންނަށް ހަމައެކަނި އެމީހުންނާ މުއާމަލާތުކުރުމަށް ބާރުއެޅުމުގެ ސަބަބުން އަނިޔާލިބޭ މީހާއަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.
- ގުޅުމުގެ ތެރޭގައި ބައެއް ފަހަރު ހިޔާނާތްތެރިވާ މީހުން މެޑިކަލް އިމަޖެންސީ، މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދައެވެ. އެމީހުން މި ފެބްރިކޭޓެޑް އިމަޖެންސީތައް ބޭނުން ކޮށްގެން، އެމީހުންގެ ޝިކާރައަށްވާ މީހުންގެ އަތުން ފައިސާ ހޯދުމަށް އެދެއެވެ.
- އިތުބާރު ގާއިމުވުމުން، ހިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގައެވެ. އަދި ދަތުރުފަތުރުގެ ހަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް ބުނެފާނެއެވެ.
- ބައެއް ހާލަތްތަކުގައި ހިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން ބޭނުންކޮށްގެން ގާނޫނާ ހިލާފަށްކުރާ ކަންކަމުން ހޯދާ ފައިސާ ލޯންޑާ ކޮށްފާނެއެވެ. އެމީހުން ވިކްޓިމަށް ވިސްނައިދެނީ އެމީހުންގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ބަލައިގަތުމަށްފަހު، ޖިނާއީ ހަރަކާތްތަކުގައި ނޭނގި ބައިވެރިކޮށް އެހެން އެކައުންޓަކަށް ފައިސާ ޓްރާންސްފާ ކުރުމަށެވެ.
- އަނިޔާލިބުނު މީހާގެ އަތުން ފައިސާ ނެގުމަށް ފަހު، ހިޔާނާތްތެރިވާ މީހާ އެ ހިސާބުން ގެއްލެއެވެ. އަދި ވާހަކަދެއްކުން ހުއްޓައިލާ ގުޅުން ކަނޑާލައެވެ.
ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުން އެއީ ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިފަދަ ކަންކަމުން ސަލާމަތްވުމަށް މާއަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވުމަށާ އޮންލައިންކޮށް ބައްދަލުވާ މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނު ފޮނުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން އެމީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރުމަށާ ރަހުމަތްތެރިންނާ އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ޝައްކުކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރުމަށް ވެސް އެ އިދާރާއިން ވަނީ ގޮވަލާފައެވެ.