މީގެ އަހަރެއް ކުރިން މާލޭގެ ގެއެއް ކަމަށްވާ ހ. ޝީރީންވިލާގައި އަނިޔާވެރިގޮތަކަށް ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލަށް ދައުލަތުން ހަމަޖެއްސި ވަކީލު ތަނާޒުލްވުމުން، އޭނާ އަށް އެހެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފިއެވެ.

ޝިއާއު މަރާލި މައްސަލައިގައި ދައުލަތުން ޝާހިލްގެ މައްޗަށް ކުރާ ފަސް ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ވިދާޅުވީ، ޝާހިލަށް ކުރިން ހަމަޖެއްސި ވަކީލު މިދިޔަ ބުދަ ދުވަހު ތަނާޒުލްވެފައިވާ ކަމަށާއި، އެހެންވެ އެއާ ޖެހިގެން އައި ދުވަހު އޮތް އަޑުއެހުމުގައި ވަކީލަކާ އެކީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާތީ ވަކީލަކު ހަމަޖައްސައިދިނުމަށް ޝާހިލް އެދިފައިވާ ކަމަށެވެ.

ޝާހިލަށް ވަކީލަކު ހަމަޖައްސައިދޭން ފަސް ދުވަސް ނަގާނެ ކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި ވަކީލަކު ހަމަޖެހޭނެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބަންޑާރަނައިބުގެ އޮފީހާ ހަވާލާދީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.

އަދިވެސް އެ މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގައި ކަމަށާއި، ވަކީލަކު ހަމަޖެހެންދެން ހެކި ރައްކާތެރިކުރުމުގެ އަމުރާ މެދު ގޮތެއް ނިންމުން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިއާއު މަރާލި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާއެވެ. މައްސަލައިގެ ބާވަތުން ބާކީ ދެ ދައުވާ ދައުލަތުން ހާމައެއްނުކުރެއެވެ.