"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓްގެ ގުރުއަތު ނެގުން މާދަމާ 11 އިން ފެށިގެން ކުރިއަށް ގެންދިއުމަސް ހަމަޖެހިފައިވާ ކަމަށް ޕަލޭނިން މިނިސްޓްރީން ބުނެފިއެވެ.

ބިންވެރިޔާ ސްކީމްގެ ގުރުއަތުލުން ކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ހިއްސާ ކުރަމުން އެ މިނިސްޓްރީން ބުނީ، ދާއިމީ ލިސްޓުގައި ފުރަތަމަ ބުރުގައި ގޯތި ލިބޭނެ ކަމަށް ބުނެފައިވާ ފަރާތްތަކަށް ގުރުއަތު ނަގަން ދާން ޖެހޭ ދުވަހާއި ވަގުތާއި ތަން ގެދޮރުވެރިންގެ ޕޯޓަލުން މިރޭ 10:00 ގެ ފަހުން ފެންނަން ހުންނާނެ ކަމަށެވެ.

އެ ގޮތުން ގުރުއަތުލުން މާދަމާ 11:00 އިން ފެށިގެން ކުރިއަށްދާ އިރު، އަންގާރަ އަދި ބުރާސްފަތި ދުވަހު ގުރުއަތު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ހުރި ދުވަސްތަކުގައި ގުރުއަތު ނެގުން އޮންނާނީ ހެންވޭރު ދަނޑުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮންމެ ފަރާތަކަށް ވެސް ގުރުއަތު ނަގަން ދިއުމަށް އެއް ގަޑިއިރުގެ ވަގުތެއް ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ގޯތި ލިބޭ ފަރާތް ނޫން އެހެން ފަރާތެއް ގުރުއަތު ނަގަން ފޮނުވާ ނަމަ، އެމީހެއްގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ގުރުއަތު ނަގަން ދީފައިވާ ވަގުތަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ބުނެފައި ވެއެވެ. އަދި ދީފައިވާ ވަގުތަށް ގުރުއަތު ނަގަން ނުދެވިއްޖެ ނަމަ، ގުރުއަތު ނަގާނީ މިނިސްޓްރީން ކަނޑައަޅާފައިވާ މީހެއް ކަމަށް ވެސް ބުނެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.