އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނައިރު ހުރިހާ ކެންޑިޑޭޓުންވެސް މަސައްކަތް ކުރަމުން ދަނީ ކެމްޕެއިންގެ ޖޯޝާއި ފޯރި ގަދަކުރެވޭތޯއެވެ. ކެންޑިޑޭޓުންނާއި އެއްފަދައިން އެމީހަކު ތާއީދު ކުރާ ފިކުރެއްގެ ކެމްޕެއިންގައި އާންމުން ބައިވެރިވެ ފޯރި ގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ އެމްޑީޕީގެ މި ތަފާތު ސަޕޯޓަރަށެވެ.
އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ލަންދުއަށް ވަޑައިގެންނެވި އިރު އެ މަނިކުފާނަށް މަރުހަބާ ކިޔަން ނުކުމެ ހުރި ނ. ލަންދޫ ލިލީމާގެ އަށް އުފަން ހަސަން އިސްމާއިލް (ހަސަންބެ) ގެ ފަރާތުން ފެނުނު ހާއްސަ އަދި އެހާމެ ތަފާތު ކަމަކީ އޭނާގެ ހިތުގައި އެމްޑީޕީއަށް އޮތް ލޯބި ކަމަށް އޭނާ ބުންޏެވެ.
"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ހަސަންބެ ބުނީ ފެށުނީއްސުރެ ވެސް އޭނާއަކީ އެމްޑީޕީގެ ފިކުރު ގެންގުޅޭ މީހެއް ކަމަށާއި ނަމަވެސް ތަފާތު ގޮތަކަށް އެ ފިކުރު ފުރަތަމަ ފަހަރު ދައްކާލީ 2013 ވަނަ އަހަރު ކަމަށެވެ. އެ އަހަރުގެ ރިޔާސީ ރޭހުގައި އެމްޑީޕީގެ ފަރާތުން ނުކުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަން ފާހަގަ ކުރަމުން ހަސަން ބުނީ އެ ފަހަރުވެސް އަމިއްލަ ހަރަދުގައި 18 ފުޅި ރީނދޫ ސުޕްރޭ ގަނެގެން އޭނާގެ މުޅި ހަށިގަނޑަށް ޖަހާ ރީނދޫ ކޮށްލި ކަމަށެވެ.
އެއާ ހިލާފަށް މިފަހަރު ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންއިރު އޭނާ ރަށުތެރޭގައި ހަރަކާތްތެރި ވެފައި ވަނީ ހުސް ރީނދޫ ކުލައިގެ އެއްޗެހި ލައިގެންނެވެ. ރީނދޫ ކުލައިގެ ބޮލިލަރުސޫޓެއްގައި އެމްޑީޕީގެ ލޯގޯ ޖަހާ ފުރާލައިފައި ވާއިރު ހަސަންބެ އަރާފައިވެސް ވަނީ ރީނދޫ ކުލައިގެ ބޫޓަކަށެވެ. މީގެ އިތުރުންވެސް އޭނާ ދުއްވަން އިން ބައިސްކަލް ވެސް ޖަރީ ކޮށްފައި ވަނީ ރީނދޫ ކުލައިންނާއި އެމްޑީޕީ ދިދައިގެ އިތުރުން އިންތިހާބުގައި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ދިދަ ތަކުންނެވެ.
ބޮލުގައި އަޅާފައިވާ ހެލްމެޓު [މަސައްކަތް ކުރާ މީހުން އަޅާ ޒާތުގެ ކޮންސްޓްރަކްޝަން ހެލްމެޓް] އަކީ ވަރަށް ހާއްސަ އެއްޗެއްގެ ގޮތުގައި ސިފަ ކުރަމުން ހަސަންބެ ބުނީ، ހެލްމެޓުގެ މަތިން އަރާގޮތަށް އެ ވަށައިގެން އެނބުރޭހެން ފަރުމާކޮށްފައި ވަނީ ދިވެހި ވަންތަ ރިޔަލު ދޯނީގެ ރިޔާތަކެއް ހަރުކޮށްފައި ކަމަށެވެ.
މީހާގެ ތުނބުޅިވެސް ރީނދޫ ކޮށްގެން ހުރެ ހަސަންބެ ބުނީ އޭނާ އަކީ އެމްޑީޕީ ދެކެ ވަރަށް ލޯބިވާ ސަޕޯޓަރެއް ކަން ފާހަގަ ކުރަމުން ހަސަންބެ އިތުރަށް ބުނީ، މިއީ އޭނާ އަމިއްލައަށް ކުރާ ހިތުން ކުރާ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިގޮތަށް ތަފާތު ދައްކާނެ ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި މީހަކު މަޖުބޫރު ކޮށްގެން ކުރާކަމެއް ނޫން ކަމަށްވެސް ހަސަންބެ ބުންޏެވެ.