ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަަޑައި ނުގަތުމުން ޖޭޕީއާ ގުޅިވަޑްއިގެން ޑރ. ވަހީދު ދެއްކެވި ވާހަކައަށް ޕީއެންސީގެ ރައީސް ރައްދު ދެއްވައިފިއެވެ.

ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)، ޑރ. ވަހީދަށް ރައްދު ދެއްވައި ވިދާޅުވީ، ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި މަގުމަތިވީވެސް އެމީހުން ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިހަވަންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ މަގުމަތިވެފައި ނުވާ ކަމަށާއި މަގުމަތީވީ ޕީޕީއެމް ދޫކޮށް ދިޔަ މީހުން ކަމަށެވެ.

އަދުރޭ އެ އިޝާރާތް ކުރައްވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އިއްޔެ ރޭ މާމިގިލީގައި ދެއްކެވި ވާހަކަފުޅަށެވެ. އެގޮތުން ވަހީދު ވިދާޅުވީ ޕީޕީއެމްގައި ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި މަގުމަތި ވި ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކުލަވެސް، ކެންޑިޑޭޓެއްވެސް ނެތް ކަމަށާއި އެމަނިކުފާނު މަގުމަތިވެވަޑައިގެންފި ނަމަ ޕީޕީއެމްގެ 40،000 މެންބަރުން ވެސް މަގުމަތިވެއްޖެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެންމެ ފޯރި ގަދަ ހިސާބަށް އާދެވިފައިވާ ކަމަށާއި މިހާރު ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ބޭފުޅުން ދައްކާ ވާހަކަތަކުން އެމީހުން ބަލި ގަބޫލުކޮށްފިކަން ޔަގީން ވެވަޑައިގަންނަވާ ކަމަށެވެ. އަދި އިދިކޮޅު ލީޑަޝިޕްގައި ވަކި ކަމެއް ހާސިލު ނުވެގެން ވަކި މަގާމެއް ނުލިބިގެން ވަކި ކަމެއް ނުކުރެވިގެން ޕާޓީ ދޫކޮށްލާނެ މީހަކު ނުހުންނާނެ ކަމަށާއި ފާއިތުވި ފަސް އަހަރު އެކަން އޮންނާނީ ސާބިތު ކޮށްދީފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިފަކީ ބަދަހި ޓީމެއް ކަމަށާއި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި އެ ދެ ޕާޓީގައި އޮތް ވަރުގެ ވަރުގަދަ އެކުވެރި، އެއްބައިވަންތަ ޓީމެއް ނޯންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެ ދެ ޕާޓީ ރޫޅާލުމުގެ މަސައްކަތް މި ސަރުކާރުން ވެރިކަމަށް އައުމާއެކު ފެށި ކަމަށާއި ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ދިނުމަށް ޖަލަށްލި ނަމަވެސް ލީޑާޝިޕުން ސާބިތުކޮށްދިނީ ޕާޓީއަށާއި ރައީސް ޔާމީނަށް ވަފާތެރިކަން ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި، ޕީޕީއެމުން ހިޔާނަތްތެރިވި ވާހަކަ ދައްކަން އެފަދަ މީހުން ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމާއި ޕީއެންސީ ގެ ލީޑާޝިޕުން އިސްކުރީ އަމިއްލަ މަސްލަހަތެއް ނޫން ކަމަށާއި ކުރިއަށް ނެރުނީ އަމިއްލަ މަންފާއެއް ނޫން ކަން ފާހަގަ ކުރައްވާ އަދުރޭ ވިދާޅުވީ އިސްކުރީ ގައުމާއި ރައްޔިތުން ކަމަށާއި ބޭނުންވީ ދިވެހިންގެ ރާއްޖެއެއް ބިނާކުރުމާއި ދިވެހިންނަށް ދިވެހިންގެ ރާއްޖެ އަނބުރާ ހޯދައިދޭން ކަމަށެވެ.

"އަމިއްލަ އެދުން އިސްކުރި މީހުން ދޫކޮށް ދިޔައީ. ތިމަންނާ ބޭނުންވި ކަމެއް ހާސިލުނުވީމާ ޕީޕީއެމް ޕީއެންސީން ނުވަތަ ޕީޕީއެމުން ހިޔާނަތްތެރިވެއްޖެޔޭ ވިދާޅުވާނީ ލަދު ހަޔާތުގެ ކަންފުޅެއް ނެތީމަ،"
އަދުރޭ

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މަޝްވަރާއާއެކު ކޮންމެ ބޭފުޅަކު ކުރިއަށް ޖެހިވަޑައިގަތް ކަމުގައި ވިޔަސް ދެން ތިއްބެވި ބޭފުޅުން އެ ބޭފުޅަކާއެކު ސާބިތުވެ ތިއްބަވާނެ ކަން ދަނީ ދައްކަމުން ކަމަށާއި އެއީ ހިތާ ރޫހުން ކުރާ މަސައްކަތް ކަމަށެވެ.