ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމު ކުރާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

މިދިޔަ ޖުލައި މަހު މަލެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމު ކޮށްފައި ވާއިރު، އެ ލިސްޓާ ގުޅިގެން ލިބުނު ޝަކުވާތަކަށް ބެލުމަށް ފަހު ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އެކުލަވާލާފައެވެ. މިއަދުގެ ވަގުތެއްގައި ލިސްޓް އާންމު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު ޕްލޭނިން މިނިސްޓްރީން ބުނީ އެއަށްފަހު ކުރިއަށްދާނީ ގޯތި ލިބޭ ތަން ކަނޑައެޅުމަށް ކުރިއަށް ގެންދާ ގުރުއަތުގެ މަސައްކަތައް ކަމަށެވެ. މި މަސައްކަތް އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މިދިޔަ އަހަރުގެ ޖޫންމަހު ތެރޭގައި ހުޅުވާލާފައި ވާއިރު 15164 ފޯމު ވަނީ ގޯއްޗަށް އެދި ހުށަހަޅާފައެވެ. އޭގެތެރެއިން 12،794 މީހުން ޝަރުތު ހަމަވާއިރު ގޯއްޗަށް އެދި ހުށައެޅި ފޯމު ރިވިއުކުރުމަށް ފަހު، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އިއުލާން ކުރީ މި އަހަރު ޖޫން މަހުއެވެ. އަދި ޝަކުވާ ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާއިރު ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކަށްވެސް ވަނީ އިތުރު ފުރުސަތެއް ދީފައެވެ.

މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ. މި ގޮތުން ގުޅިފަޅުން 2000 ގޯތި، ގިރާވަރުފަޅުން 2000 ގޯތި އަދި ހުޅުމާލެފަޅުން 2200 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.