ސައްހަ ނޫން އިންޓަނެޓް ބޭންކިންގް ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން ފިހާރައަކުން ރާސްޓަސް ކުރި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ހޯދަމުންދަނީ ބަންގްލަދޭޝް އަތް ނިސްބަތްވާ މުހައްމަދު އަރުޝަދު މިއާ، 35، ކަމަށެވެ.

މީނާ އަކީ ސައްހަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައި އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސް ކޮށްފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވި ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ނުކުރެވިފައިވާ ފަރާތެއް ކަމަށް ފުލުހުން ކުރި އިއުލާނުގައި ވެއެވެ.

ފުލުހުން ބުނީ، އޮޅުވާލައިގެން 17،471 ރުފިޔާގެ ރާސްޓަސް ކުރި ކަމަށް އޭނާ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ބ. އޭދަފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެތައް ބައެއްގެ ރުފިޔާ ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާއިރު މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުންގެ އިތުރުން ބޭންކު ތަކުންވެސް ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. ނަމަވެސް މި މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭ ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.