އެންމެ ފުރަތަމަ ތަރައްގީކުރަން ޖެހޭނީ މީހުން ގިނަ ރަށްތައް ކަމަށް އިދިކޮޅުން ބުނާ ބުނުމަށް ރައީސް އަނެއްކާ ވެސް ރައްދު ދެއްވައިފިއެވެ.
ނ. މިލަދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުދި ރަށްރަށަށް ވަޑައިގަތުމުން ފެނިވަޑައިގަންނަވަނީ ރަށްރަށުގެ ކްލާސްރޫމްތައް އިތުރުކުރަން ޖެހޭ މަންޒަރާއި، ފެނުގެ ނިޒާމް އަޅައި ބަނދަރުތައް ތަރައްގީ ކުރަން ޖެހިފައިވާ ކަމުގެ މަންޒަރު ކަމަށެވެ.
"އެހެންވީމާ ބޮޑެތި އާބާދީ އޭ ކިޔައިގެން މި ދައްކާ ވާހަކައެއް ވެސް ދިމަލެއް ނުވޭ،" ވާދަވެރި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަމައެކަނި އިސްކަމެއް ދެއްވީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަށް ކަމަށާއި، އެ ނޫން ރަށަކަށް އެއްވެސް މަޝްރޫއެއް ޔާމީންގެ ވެރިކަމުގައި ހިންގާފައި ނުވާ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވި ގޮތުގައި ރަށްރަށަށް ބޭނުންވެފައި ހުރި ގިނަ ކަންކަން އޭރުގެ ސަރުކާރުން ދޫކޮށްލާފައިވެއެވެ.
"ވައުދުވޭ، އެކަމަކު ވައުދު ފުއްދާ ތަނެއް ނުފެނޭ،"
އެހާރާއި މިހާރާ އަޅާކިޔުއްވައި ރައީސް ވިދާޅުވީ 100 އަށް ވުރެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށް، ކަރަންޓުގެ މައްސަލަތައް މި ސަރުކާރުން ހައްލުކޮޮށްދީފައިވާނެ ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް ރަނގަަޅުކޮށްފައި ހުރުމުން ކޮންމެ ރަށެއްވެސް ރިސޯޓަކަށް ފައްކާވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ، ގެސްޓްހައުސްގެ ވިޔަފާރިތައް ފަށައި ފަތުރުވެރިކަން މެކުހަށް ޖެހުމަށް ރަށްތައް އޮތީ ފައްކާވެ ނިމިފައެވެ.
އެއާއެކު، ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ މިލަދު އަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް ރައީސް ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މިލަދޫގެ ދެކުނު ފަރާތުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރިވެޓްމެންޓު ޖެހުން
- ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން
- ބޯހިޔާވަހިކަމުގެ މަޝްރޫއެއް ތައާރަފްކޮށް ފްލެޓް ނުވަތަ ރޯހައުސް އިމާރާތްކުރުން
- ޒުވާނުންނަށް ސްޕޯޓްސް ކޮމްލެކްސް އެއް އިމާރާތްކުރުން
ނ. އަތޮޅަށް މިހާތަނަށް ދެވުނު ރަށްރަށުން ފެނިވަޑައިގަންނަވަނީ އަންނަ މަހު ބާއްވާ އިންތިހާބުގައި އެމަނިކުފާނަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭ މަންޒަރު ކަމަށާއި، ތަފާތު ބޮޑު ނަތީޖާއެއް ހޯއްދަވައި އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ތަކުރާރުކުރެއްވިއެވެ.