ސަރުކާރުން ތައާރަފް ކުރި އާރުޓީއެލް ފެރީގެ ހިދުމަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭގައި ނ. އަތޮޅުގައި ރަސްމީކޮށް ފަށާނެ ކަމަށާއި، އޭރުން ނ. އަތޮޅުން ބޮޑު ބަދަލެއް ފެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސް ނ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ޅޮއްސަށް ވަޑައިގެން، ފާހަގަކުރެއްވި ގޮތުގައި ޅޮއްސަކީ ލަފާފުރުން ދަތި ރަށެކެވެ. އެހެންވެ އެ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައި ވާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އާރުޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅާއި ބޮޑު ތިލަދުންމަތީގައި ފަށާފައިވާ ކަމަށާއި، އެ ހިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ނ. އަތޮޅުގައި ކަމަށް ވިދާޅުވިއެވެ. ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ލޯންޗުތައް ބަނުމަށް މިހާރު ހަވާލުކުރެވިފައިވާ ކަމަށާއި، ކުރިން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި ފެށިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅުގައި ފެށިގެން ދިއުމުން، އެ އަތޮޅަށް ހީނުކުރާހާ ވަރަށް ކުރިއެރުން ލިބިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެއަށްފަހު ރައީސް ވަނީ ޅޮހީގެ ރައްޔިތުންނަށް ބައެއް ވައުދުތައް ވެވަޑައިގެންފައެވެ. އެގޮތުން:
- ޅޮހީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ފަތުރުވެރިންނަށް ފަސޭހައިން މޫދަށް އެރެވޭނެ ވަކި ބީޗެއް ތަރައްގީކުރުން
- އެ ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީގެ ހިދުމަތް ފެށުން
- އެ ރަށު ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި ރިސޯސް ރޫމެއް އިތުރުކުރުން
- ޒަމާނީ ވަސީލަތްތަކާ އެކު ޔޫތު ސެންޓަރެއް ގާއިމްކުރުން
ރައީސްގެ މިދަތުރުފުޅުގައި ނ. އަތޮޅުން މާޅެންދޫ، ކުޑަފަރި، ހެނބަދޫ، ކެނދިކުޅުދޫ، މަނަދޫ، ޅޮހި، މިލަދޫ، މަގޫދޫ، ހޮޅުދޫ، ފޮއްދޫ، ވެލިދޫ، ލަންދޫ އަދި މާފަރަށް ވަޑައިގަންނަވާނެއެވެ.