އަންނަ ރިޔާސީ އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރަން ހުށަހެޅުމުގެ ސުންގަޑި އަންނަ އަންގާރަ ދުވަހަށް އިތުރު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި އިތުރު ކުރީ މި ވަގުތާ ހަމައަށް އައި އިރު ވެސް އީސީން އިން އަންދާޒާ ކޮށްފައިވާ އަދަދަށް މޮނިޓަރުންނާއި އޮބްޒާވަރުން ހުށަހަޅާފައި ނުވާތީ ކަމަށެވެ. އާންމުކޮށް ނޫސްވެރިން ފޯމް ހުށަހަޅަނީ އެންމެ ފަހު ވަގުތުގައި ކަން ފާހަގަ ކުރައްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މި މަހުގެ 15 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލާފައި އޮތީ މިއަދުގެ މެންދުރު ފަހު 3:00 އާ ހަމައަށެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއެކު ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުމާއެކު ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާއިފައިވާ މީހަކަށް ނުވުން ވެސް އޮބްޒާވަރުންނާއި މޮނީޓަރުންގެ ޝަރުތުތަކުގައި ހިމެނެއެވެ.

  • އޮބްޒާވަރުންގެ ހުންނަން ޖެހޭ އިތުރު ޝަރުތު: ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  • މޮނީޓަރުންގެ ހުންނަން ޖެހޭ އިތުރު ޝަރުތު: ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ، ޓީވީ ސްޓޭޝަނެއް، ނުވަތަ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއް ކަމުގައިވުން.

އޮބްޒާވަރުން ނުވަތަ މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމާއި އައިޑީކާޑު އަދި އިގުރާރުގެ އިތުރުން ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. އަދި މޮނިޓަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމާއެކު ރޭޑިއޯ، ޓީވީ ސްޓޭޝަން ނުވަތަ ނޫސް މަޖައްލާއެއްގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅަން ޖެހެއެވެ.

އޮބްޒާވަރުން ނުވަތަ މޮނީޓަރުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އީމެއިލް މެދުވެރިކޮށް އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުންނެވެ. އަދި ދަރުބާރުގެ ރިސެޕްޝަނުން ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 3 އަށް ކަމަށާއި ހުކުރު ދުވަހު ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ މެންދުރުފަހު 3 އިން ހަވީރު 5 އަށް ކަމަށް އީސީއިން ބުނެއެވެ. ފޯމު މެއިލް ކުރާނީ އެ ކޮމިޝަނުގެ އީމެއިލްއަށް ކަމަށާއި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެ ކޮމިޝަންގެ ވެބްސައިޓް އިން ލިބޭނެ ކަމަށް އީސީން ބުނެއެވެ.